މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)، އެޗްޑީސީ، ޔޫއެންއޯޑީސީ އަދި ޖަޕާނު އެމްބަސީ ގުޅިގެން "އެންމެން އެކީ" ގެ ނަމުގައި ހުޅުމާލޭގައި ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ބޭއްވި މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އާއި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒުހައިރު ފާހަގަކުރެއްވީ، މުހިންމު މަޢުލޫމާތުތައް ފޯރުކޮށްނުދެވި އަދި ގުޅިގެން މަސައްކަތް ނުކުރެވޭތީ ދިމާވާ ގޮންޖެހުންތަކަށް މި ހަރަކާތުން ހައްލު ލިބިގެންދާނެ ކަމަށެވެ.
ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ ވިދާޅުވީ މުސްތަޤުބަލުގެ ބިންގަލަކީ ޒުވާން ޖީލު ކަމަށާއި، އެ ޖީލު މަސްތުވާތަކެތީގެ މައްސަލަތަކުން ރައްކާތެރިކުރުމަށް އިސްކަންދޭންޖެހޭ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި "މި މައްސަލަތަކާ ކުރިމަތިލުމުގެ އެންމެ ހަރުދަނާ ގޮތަކީ ތަޢުލީމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަދި އެކަމާ ގުޅޭގޮތުން އިޖާބީ ގޮތެއްގައި ބައިވެރިވުމުގެ ތެރެއިން މައްސަލަ ކުރިމަތިވިޔަ ނުދިނުން" އެވެ.
އެންޑީއޭގެ ޗެއަރޕާސަން އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އަންނަން އޮތް ޖީލުތައް މި ނުރައްކާތެރި މައްސަލައިން ސަލާމަތްކުރުމަށް މިފަދަ ހަރަކާތްތައް މުހިންމު ކަމަށެވެ.
މި ހަރަކާތުގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކުން ސްޓޯލްތައް ބަހައްޓައި، އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފުލުހުންގެ ސްޓޯލުން އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޔުނިފޯމާއި އެއްގަމު އުޅަނދުފަހަރު ދައްކާލާފައިވެއެވެ.



