ފެނަކައިގެ ޚިޔާނާތަކީ އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނުގެ ބައިކުޅަބައި: ވަޒީރު ސަޢީދު

ފެނަކައިގެ ކޮރަޕްޝަނަކީ އެމްޑީޕީ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ކުޑަ މިންވަރެއް ކަމަށާއި، އެ ސަރުކާރުން ކޮރަޕްޓު ޢަމަލުތަކުގެ ތެރެއިން މުޅި ނިޒާމު އެއްކޮށް މަސްހުނިކޮށްލި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކައިގެ ބޮޑު ޚިޔާނާތާ ގުޅޭގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ފެނަކައިގެ ޚިޔާނާތް ހިންގީ އޭރުގެ ސަރުކާރަށް އެކަން ސާފުކޮށް އެނގިތިބެ ކަމަށެވެ.

"އޭރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނަން ފޮނުވައިގެން ފާސްކުރެއްވި އޭސީސީގެ ރައީސް އޮތީ، ރައީސް ޞާލިޙްގެ ސަމާލުކަމަށް ކަޅާއި ހުދުން ފެނަކައިގައި ވައްކަން ހިންގާކަން ގެނެސްދީފައި. އެކަން ދޫކޮށް ނުލައްވާށޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި މިއަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ފެނަކަ ހިމެނޭހެން އެތައް ކުންފުންޏެއް ދަރުވާލާފައިވެއެވެ. އަދި ކޯވިޑްގެ ނަމުގައި 8 ބިލިއަން ރުފިޔާ ޗާޕްކުރިއިރު، އެއިން ބޭނުންކުރީ މަދު އަދަދެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ޕީޕީއެމް ސަރުކާރުން ޖަމާކުރި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ރިޒާވް ދިޔައީ. ފެނަކައަށް އެކަނި ބެއްލެވިޔަސް، މި ހުރިހާ ކޮރަޕްޝަންގެ ކަންކަމާއި ކުންފުނިތައް ދަރުވާލުމާއި ރިޒާވް ހުސްކޮށްލުމާއި، އެސްޑީއެފް ހުސްކުރުމާއި ދިވެހި ރުފިޔާގެ އަގުވައްޓާލުމާއި ނުކަތާ ވަރަށް ކަންތައްތައް ކޮށް ނުއަގުގައި ނެތް ފައިސާއިން ބަޖެޓުގައި ނުޖަހައި ކަންކަން މުޅި ހިންގުމުގެ ނިޒާމު މަސްހުނިކޮށްލީ،" ވަޒީރު ވިދާޅުވިއެވެ.

އިންތިޚާބުތަކުގެ ދުވަސްވަރު ވެރިކަން ހޯދަން އުޅޭއިރު، ކޮރަޕްޝަނާ ދެކޮޅު ކަމަށް ވާހަކަތައް ދެއްކި ނަމަވެސް ވެރިކަން ލިބުމުން ކޮރަޕްޝަންގެ މައްސަލަތައް ނުބަލާކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ