ޓްރޭޑްމާކް ބިލަކީ، ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކުރަން އެޅުނު މުހިންމު ފިޔަވަޅެއް: ވަޒީރު ސަޢީދު

 ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ޓްރޭޑްމާކް ބިލަކީ، ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާޙައުލެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަޖިލީހުން ބިލު ފާސްކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ސަޢީދު ވަނީ މި ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށް ސިފަކުރައްވާފައެވެ. މި ޤާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ޙިމާޔަތްކުރެވޭނެއެވެ. މީގެ ސަބަބުން ފިކުރީ މުދަލުގެ ޙައްޤުތައް ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުޤުވެރިކަން ދިވެހިރާއްޖެއަށް އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޤާނޫނުގެ ދަށުން، އުފައްދާ މުދަލަށް ނުވަތަ ދޭ ޚިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކް ބޭނުންކުރުމުގެ ޙައްޤު ހަމައެކަނި އެފަރާތަކަށް ޔަޤީންކުރެވޭނެއެވެ. އަދި އުފެއްދުންތަކުގެ ސައްޙަކަން ފަސޭހައިން ކަށަވަރުކުރެވޭނެ އިންތިޒާމު މި ބިލުގައި ވަނީ ހަމަޖައްސާފައެވެ. ވަޒީރު ވިދާޅުވީ، ކޮންސިއުމަރުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވުމުގެ ބާރު މި ޤާނޫނުން ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކާއި، ކަލެކްޓިވް މާކްވެސް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު މި ބިލުގައި ވަނީ ހިމަނާފައެވެ.

ޓްރޭޑްމާކުގެ ޙައްޤުތަކަށް އަރައިގަތުން ހުއްޓުވުމަށްޓަކައި، ކައުންޓަރފީޓްކުރުން މި ޤާނޫނުގެ ދަށުން ޖިނާޢީ ކުށަކަށް ވަނީ ހަދާފައެވެ. ޓްރޭޑްމަރކް ކުރާ މުދަލުގެ ނަކަލުތައް (ކައުންޓަރފީޓް) ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި، ބޭރުކުރުން މި ބިލުގައި ވަނީ މަނާކޮށްފައެވެ. މިފަދަ ޢަމަލެއް ކޮށްފި މީހަކަށް 100,000 ރުފިޔާއާއި، 2,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޓްރޭޑްމަރކްގެ ޙައްޤަކަށް އަރައިގަތުމުގެ ޢަމަލެއް ހުއްޓުވުމަށް ނުވަތަ ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

ޓްރޭޑްމާކެއް ރަޖިސްޓްރީކުރެވޭނީ ފުރަތަމަ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރެވޭނެއެވެ. މި ބިލު ފާސްކޮށް ތަސްދީޤު ކުރުމަށްފަހު، މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމަރކްތައް އަލުން ރަޖިސްޓްރީކުރުމަށް 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވިއްޖެނަމަ އެ ޓްރޭޑްމަރކްތައް އުވާލެވޭނެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ބިލު ތަސްދީޤު ކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ފަހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ