ތޫނު ހަތިޔާރާއެކު ސ.މަރަދޫ އިން ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ތޫނު ހަތިޔާރާއެކު އައްޑޫ ސިޓީގެ މަރަދޫއިން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސ.ފޭދޫގައި ތޫނު ހަތިޔާރު ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު 11:30 ހާއިރު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މަރަދޫގެ ގެއެއް ބަލާ ފާސްކުރިއިރު އެގޭގެ ތެރެއިން ބޮޑު ކަނޑިއަކާއި، ތިން ވަޅިއާއި، 1 ތިލަ އަދި އިންޖެކްޝަނެއްގެ އިތުރުން ޖީބަށް ލެވޭވަރުގެ ވަޅިއަކާއި މާސްކެއް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 6 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



