ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ ހިތްވަރާއި ކެރުމާއި، ޤައުމަށް ލޯތްބެއް އޮވެގެން އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އާދަޔާ ޚިލާފު ވިސްނުމެއް ހުރެގެން މެނުވީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާއި، ޤައުމުގައި އޮންނަންޖެހޭ ހަމަޖެހުން ހިފެހެއްޓުމުގެ ފުރިހަމަ ޒިންމާ އޮންނަނީ ފުލުހުންގެ އިދާރާގެ ބޮލުގައި އެޅިފައެވެ. އަދި މިއީ ޤައުމެއް ކުރިއަށް ދިއުމަށް ކޮންމެހެން ބޭނުންވާ މުހިންމު އަސާސްތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހި ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ރަނގަޅު ގޮތުގައި ބޮޑު ބިޔަ ޕްރޮޖެކްޓެއް މިވަގުތު ރާއްޖޭގައި ހިނގަމުން އެބަދޭ. 100 އަށްވުރެ ގިނަ ރަށަށް ކޮމިޓްމަންޓްދެވި ޕްރޮޖެކްޓްގެ މަސައްކަތްތައް އެކި ހިސާބުތަކުގައި މިވަނީ," ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފިޒިކަލީ ޤާއިމުކޮށް، އެ ޚިދުމަތް ފުރިހަމައަށް ފޯރުކޮށްދިނުމަށް ޕްރޮޖެކްޓެއް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުން ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެއް ނަމޫނާ ކަމުގައި ވިދާޅުވިއެވެ.
ރަސްމިއްޔާތު ނިންމަވާލައްވަމުން ވަޒީރު އިޙްސާން ވަނީ ފުލުހުން ލޯތްބާއި އިހްތިރާމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ގޮވާލައްވާފައެވެ. އަދި އަލަށް ދަސްވެނިވި ފުލުހުންނަށް މަރުޙަބާ ދަންނަވައި، އެ ބޭފުޅުންގެ މަސައްކަތުގައި ކާމިޔާބު އެދިވަޑައިގެންފައިވެއެވެ.




