އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތް ބަދަލުކުރުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު މިމަހު 24 އަދި 25 ވަނަ ދުވަހު ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މިއީ އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ނިންމި ނިންމުމެކެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމާފައެވެ. މި ވޯޓުގައި އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކި ކައުންސިލްތައް އުފެއްދުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އައްޑޫ ހުޅުމީދޫ ކައުންސިލް ގެ ނަމުގައި އެއް ކައުންސިލެއް އުފެއްދުމާމެދުވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯޓުގައި އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެއެވެ.
އަދި ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށުން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ. މި ޓީމުގައި އައްޑޫގެ ކޮންޓެކްސްޓް އެނގޭ ފަންނީ މާހިރުން ހިމެނޭނެއެވެ.