ކޮރަޕްޝަން ހުއްޓުވުމަށް މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މި ކަން މެންބަރުން ފާހަގަކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ހުށަހެޅުއްވި އޮޑިޓް ޤާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒްކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުތަކަށް ބަހުސްކުރެއްވުމުގެ ތެރޭގައެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަން ހިންގުމަކީ މިއަދު އެއްވެސް މީހަކު ފަސްޖެހޭ ކަމަކަށް ނުވަނީ އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ދެވޭނެ އަދަބެއް ނެތުމުންނެވެ. "މި ކޮރަޕްޝަނުގެ ކަންކަން ހުއްޓުވެންޖެހޭނެ. މިކަންކަން ހުއްޓުވުމުގެ ގާބިލުކަން އެންމެންގެވެސް ހުންނަންޖެހޭނެ،" މެންބަރު ޣަފޫރު ވިދާޅުވިއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެފައިވަނީ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ އިސްވެރިންނާއި ސިފައިންނާއި ފުލުހުން ފަދަ މުއައްސަސާތަކުގެ އިސްވެރިންވެސް މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިފެންނަނީ ކޮންމެ ފަސް އަހަރަކުން އެސްއޯއީތަކާއި ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް ފަސް އަހަރު ނިމޭއިރު މުއްސަނދި މަހުޖަނުންނަށް ވާތަން،" އަޒާން ވިދާޅުވިއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުވެސް ވަނީ މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭގޮތަށް ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. މުޙައްމަދު އިބްރާހިމް ހުށަހެޅުއްވި ދެ ބިލަށްވެސް ޖުމްލަކޮށް ހުރިހާ މެންބަރުންވެސް ތާޢީދުކުރައްވާފައިވާއިރު، މެންބަރުން މި އިސްލާހުތައް ސިފަކުރައްވާފައިވަނީ ރާއްޖޭގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް މުހިންމު އިސްލާހުތަކެއްގެ ގޮތުގައެވެ.




