އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތް ބަދަލުކުރަން ނަގާ ވޯޓު މި މަހުގެ 25ގައި

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑޫ، ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު މި މަހުގެ 25ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރަކާ ގުޅިގެން ނިންމި ނިންމުމެކެވެ. މި ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ތިން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން، އެ ރަށްރަށުގައި ވަކި ކައުންސިލްތައް ޤާއިމުކުރުމަށް އެދި ސަރުކާރަށް ހުށަހަޅާފައިވާތީއެވެ.

ވޯޓުގައި ހުޅުދޫ ރައްޔިތުންނަށް ހުށަހަޅާފައިވާ ސުވާލަކީ އެ ރަށަށް ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ އެއް ކައުންސިލްގެ ދަށުން ހިންގުމަށް ފެނޭތޯއެވެ. މީދޫގެ ރައްޔިތުންނަށްވެސް ހުށަހަޅާފައިވަނީ ހަމަ މި ދެ ގޮތެވެ. އެހެންނަމަވެސް ފޭދޫގެ ރައްޔިތުންނަށް ހުށަހަޅާފައިވަނީ ހަމައެކަނި އެ ރަށަށް ވަކި ކައުންސިލެއް އުފައްދަން ފެނޭތޯއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 25ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓުގެ ނަތީޖާ އިޢުލާންކުރާނީ 26ވަނަ ދުވަހުއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ މިފަދަ ވޯޓެއް ނެގުމަށް ނިންމަވާނަމަ، އެކަން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ޤަރާރަކުން ކަނޑައަޅަންޖެހެއެވެ. އަދި އޭގެ ފަހުން އިންތިޚާބާ ގުޅޭ އެންމެހައި ކަންކަން ކުރިއަށް ގެންދަންޖެހެނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ