ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ކ. ތުލުސްދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިދިޔަ ނޮވެންބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ޕާސްޕޯޓުގެ ޚިދުމަތް ނުފެށި އޮތީ އެންމެ އަތޮޅެއްގައެވެ. "އެއީ އދ. އަތޮޅުގައި. އެ އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމްކުރާނީ މަހިބަދޫގައި،" އިމިގްރޭޝަނުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފެށޭނެ ކަމަށެވެ. މި ޚިދުމަތް ފެށުމާއެކު، އަތޮޅުތެރެއިން މާލެއަށް ޕާސްޕޯޓު ހެއްދުމަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެއެވެ.
ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި، މި ޚިދުމަތް ފުޅާކުރުމާއެކު ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި އެކަމަށް ޚާއްސަކޮށްފައިވާ ރަށަކުން ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބިގެންދާނެއެވެ.



