ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި އިސްލާހުތަކުގެ މައިގަނޑު މަޤްޞަދަކީ ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ފަނޑިޔާރުކަމުގެ މަޤާމުގެ އިތުބާރު ދެމެހެއްޓުމެވެ. މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން، 2025 ނޮވެންބަރު 10 ވީ ހޯމަދުވަހު ފާސްކުރެއްވި ބިލެކެވެ.

މި ޤާނޫނުގެ ދަށުން ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ މަޤްޞަދަކީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ދެމެހެއްޓުމާއި، އިތުބާރު ލިބިގެންވާ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އުޞޫލުތައް އިތުރަށް ތަފްޞީލުކޮށް، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުޢާމަލާތްތައްކުރުމާ ގުޅޭ އުޞޫލުތައްވެސް ވަނީ ތަފްޞީލުކޮށްފައެވެ.

ޤާނޫނަށް ގެނެވުނު މުހިންމު އިޞްލާޙުތަކުގެ ތެރޭގައި ފަނޑިޔާރުން ވިޔަފާރިކުރުން މަނާކުރުން ހިމެނެއެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރުގެ މަޤާމުގައި ހުންނަވާ އެއްވެސް ބޭފުޅަކު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ. އަދި ދައުލަތުގެ ބިން ގަތުމާއި، ކުއްޔަށް ހިފުމާއި، ދައުލަތާއި އެހެން ފަރާތަކާ ދެމެދު ވެވޭ މުޢާމަލާތެއްގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ފަނޑިޔާރުން އައްޔަން ކުރައްވާފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމާއި، ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުޞޫލުތައްވެސް ވަނީ އިތުރަށް ތަފްޞީލުކުރައްވާފައެވެ.

މައްސަލަތައް ނިންމުމުގެ މުއްދަތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިހާރުގެ އުޞޫލު ބަދަލުކޮށް، ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައިނުވާނަމަ، އެކަން ކޯޓުގެ އިސް ފަނޑިޔާރަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ޖޭއެސްސީ) އަންގަންވާނެއެވެ. މިއީ ކުރިން ޤާނޫނުގައި އޮންނަގޮތުން 6 މަސް ދުވަހުގެ ތެރޭގައި ހަމައެކަނި ކޯޓުގެ އިސް ފަނޑިޔާރަށް އެންގުމަށް އޮތް އުޞޫލަށް އައި ބަދަލެކެވެ.

މާލީ ބަޔާން ހުށަހެޅުމުގެ އުޞޫލުތައްވެސް ވަނީ މުރާޖަޢާކޮށްފައެވެ. މި ޤާނޫނުގެ ދަށުން، ފަނޑިޔާރުން މަޤާމާ ހަވާލުވާއިރު، މިލްކިއްޔާތުގައި ހިމެނޭ ތަކެތީގެ މާލީ ބަޔާން، މަޤާމާ ހަވާލުވެވަޑައިގަންނަވާތާ 3 މަސް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ. އަދި ކޮންމެ އަހަރެއްގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފާއިތުވި އަހަރުގެ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ. މީގެ އިތުރުން ފަނޑިޔާރުން މަޤާމުން ވަކިވާނަމަ، ވަކިވާތާ 3 މަސް ދުވަހުގެ ތެރޭގައިވެސް މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ