އަހަރުގެ މިހާތަނަށް 1.7 މިލިޔަން ފަތުރުވެރިން އަތުވެއްޖެ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިޔަނަށް އަރައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ގެ ނިޔަލަށް ރާއްޖެއަށް 1,701,785 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1,546,319 ފަތުރުވެރިންނާ އަޅާ ބަލާއިރު، 10 އިންސައްތައިގެ ކުރިއެރުމެކެވެ.

މިމަހުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި އެކަނި ރާއްޖެއަށް 65,296 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 54,292 ފަތުރުވެރިންނާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 279,690 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ 208,329 ފަތުރުވެރިންނާއެކު ރަޝިއާއިންނެވެ. އިނގިރޭސިވިލާތުން 149,424 ފަތުރުވެރިންނާއި، ޖަރުމަނުވިލާތުން 120,922 ފަތުރުވެރިންނާއި، އިޓަލީވިލާތުން 106,230 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ސަރުކާރުން މިއަހަރަށް އަމާޒުކޮށްފައިވަނީ ޖުމްލަ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އަހަރުގެ މިހާތަނަށް 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް އިތުރު 598,215 ފަތުރުވެރިން ބޭނުންވެއެވެ.

ފަތުރުވެރިންގެ އަދަދު މިހާ ބޮޑު ތަނުން އިތުރުވަމުން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަލުން އާރާސްތުވަމުންދާކަމުގެ ހެއްކެކެވެ. އަދި މިއަހަރުގެ އަމާޒު ހާސިލްކުރެވޭނެކަމުގެ އުންމީދު ބޮޑުކަން ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ