މާލެއިން އުތުރުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ދިނުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިހާތަނަށް އޭޓީއެމްގެ ޚިދުމަތް ނެތް ރަށްރަށުގެ ރައްޔިތުން މި ޚިދުމަތް ހޯދުމަށް ބޮޑެތި ޚަރަދުތަކެއް ކުރަމުން އައި ނަމަވެސް، "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" މަޝްރޫޢުގެ ދަށުން މިހާރު ވަނީ 18 އަތޮޅެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައެވެ. މި މަޝްރޫޢު ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، "ފައިސާ ޖަމާކުރެވުނީމަ އެ ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވެދެގެން ދިޔުމުން، އެކި ބޭފުޅުން އަތުގައި ހުންނަ ފައިސާ ކިތަންމެ ކުޑަ މިންވަރެއްވިއަސް ޖަމާވެގެންދިޔުމުން، އިގްތިޞާދަށް އޭގެ ރަނގަޅު އަސަރުތަކެއް ކުރާނެ."

މިހާރު އޭޓީއެމް ޤާއިމްކުރެވިފައި ނުވަނީ ހަމައެކަނި ލ. އަތޮޅު އަދި އައްޑޫ ސިޓީގައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި މަހުގެ ތެރޭގައި މި ދެ ސަރަޙައްދުގައިވެސް އޭޓީއެމް ޤާއިމްކޮށް، މުޅި މަޝްރޫޢު ނިންމާލުމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އަދި 251 އޭޓީއެމް ޤާއިމްކޮށްފައެވެ. މީގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްވެސް ފޯރުކޮށްދެމުން ގެންދެއެވެ. ބޭންކުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ