މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 9.5 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މި ހަފުތާގައި މިފްކޯއަށް މަސްކިރުވާފައިވަނީ 276 ދޯންޏަކުންނެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއީ އޭގެ ކުރީ ހަފުތާގައި މަސްކިރުވި 235 ދޯނީގެ އަދަދާ އަޅާބަލާއިރު 17.4 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދު ވަނީ 3.04 އިންސައްތަ ދަށްވެފައެވެ. މިގޮތުން މިދިޔަ ހަފުތާގައި ދޫކުރެވުނީ 9،543،442 ރުފިޔާއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރެވިފައިވަނީ ހޮނިހިރު ދުވަހުއެވެ. އެދުވަހު 53 ދޯންޏަކުން މަސްކިރުވާފައިވާއިރު، ޖުމްލަ 2،161،726 ރުފިޔާ ވަނީ ދޫކުރެވިފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން 57,318 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 90.3 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، 3 އަހަރު ތެރޭގައި މަސް ޕްރޮސެސިންގ ކެޕޭސިޓީ 9 ގުނައަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.