ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 23 އައިސްޕްލާންޓަކުން މިހާރު މަސްވެރިންނަށް ޚިދުމަތް ލިބޭނެކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ.
ފަރުހަތު މިހެން ވިދާޅުވީ، ދ. އަތޮޅު މީދޫގައި މިފްކޯއިން ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި އައިސްޕްލާންޓަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، "މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން" މި ވަޢުދުފުޅު ފުއްދެވުމުގެގޮތުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ފަރުހަތު ޝަހީރު ވިދާޅުވީ މިފްކޯގެ އަމާޒަކީ މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށާއި، އައިސްޕްލާންޓުގެ ޚިދުމަތަކީ މަސްވެރިންނަށާއި މިފްކޯއަށް ވެސް އަދި ރާއްޖޭގެ އެހެން މަސް ގަންނަ ފަރާތްތަކަށް ވަރަށް މުހިންމު ޚިދުމަތެއްކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ކަނޑުމަސްވެރިކަމާއި ފަރުމަސް އަދި ބޮޑު ކަންނެލި މަސްވެރިކަންކަމުގައިވިއަސް، މަސް ގަންނަ ފަރާތްތަކުން ބޭނުންވަނީ ތާޒާކަމާއެކު މަސް ގަތުމަށެވެ. އެހެންކަމުން މި އައިސްޕްލާންޓުތައް ބޭނުންކޮށްގެން މަހުގެ ތާޒާކަން ހިފަހައްޓައި، އެ ބޭނުންކުރާ މީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. ފާއިތުވި ތިން މަސްދުވަހަށް ބަލާއިރު މިފްކޯގެ ހަވާލުގައި ރާއްޖޭގެ އުތުރުން ދެކުނަށް މަސްވެރިންނަށް ޚިދުމަތް ލިބެމުން ދިޔައީ އެންމެ 13 އައިސްޕްލާންޓުންކަމަށް އޭނާ ވިދާޅުވިއެވެ.
ފަރުހަތު ވިދާޅުވީ، ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އޮޕްރޭޝަނަށް ނުގެނެވި ހުރި އައިސްޕްލާންޓުތަކާއި އަލަށް ޤާއިމްކުރެވުނު ޕްލާންޓުތަކާއެކު މިހާރު ޖުމްލަ 23 އައިސްޕްލާންޓަކުން މަސްވެރިންނަށް ޚިދުމަތް ލިބޭނެކަމަށެވެ. އޭނާ ވިދާޅުވިއެވެ. "މިއަދު އުފަލާ އެއްކޮށް އަޅުގަނޑުމެން ދަންނަވަން ޖެހޭނީ ސަރުކާރުން ކުރެއްވި މަސައްކަތުން އަޅުގަނޑުމެން މިއަދު މިހުޅުވޭ ޕްލާންޓާއެކު މުޅި ރާއްޖޭގެ އުތުރުން ދެކުނަށް 23 އައިސްޕްލާންޓްގެ ޚިދުމަތް އަޅުގަނޑުމެން މަސްވެރިންގެ ކޮމިއުނިޓީއަށް ލިބެމުންދާނެކަން."
މިފްކޯގެ ސީއީއޯ އިތުރަށް ވިދާޅުވީ، މިފްކޯގެ މަސައްކަތަކީ ހަމައެކަނި އައިސްޕްލާންޓުތައް ޤާއިމްކޮށް ދޫކޮށްލުން ނޫންކަމަށެވެ. އެތަންތަނުގެ އޮޕަރޭޝަނަލް ހާލަތު ބަލަހައްޓައި އޭގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި މަސްވެރިންނާ ހަމައަށް ފޯރުކޮށްދިނުމަކީ މިފްކޯގެ ޒިންމާއެއްކަމަށް ފަރުހަތު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ގާއިމްކޮށް، މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުކޮށްދިނުމެވެ.



