ސައިބަރ ކްރައިމް ހުއްޓުވުމުގެ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިވާން ރުހުންދީފި

ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރާ އދ.ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި މުއާހަދާއަށް ރުހުން ދިނުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ވަނީ ތާއީދު ކުރައްވާފައެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ރާއްޖޭން ބަލައިގަނެ ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި މުއާހަދާއަކީ ސައިބަރ ކްރައިމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ ފުރަތަމަ މުއާހަދާއެވެ.

މި މުއާހަދާގައި ޤައުމުތަކުން ސޮއިކުރުމުގެ ރަސްމިއްޔާތު މި މަހުގެ 25 އިން 26 އަށް ވިއެޓްނާމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ޤަރާރަކުން ފާސްކޮށްފައިވާ މުއާހަދާއެކެވެ.

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމުގައި ފާހަގަކުރެއްވި ގޮތުގައި، މި މުއާހަދާގައި އަވަހަށް ސޮއިކޮށް ތަސްދީގުކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިއުމަކީ ސައިބަރ ކްރައިމާ ގުޅުންހުރި ފަންނީ އެހީ ހޯދުމަށާއި މުއާހަދާއާ ގުޅޭ އުސޫލުތައް އެކުލަވާލުމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރެވޭނެ ކަމެކެވެ.

މި މުއާހަދާގެ ދަށުން ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ސީރިއަސް ކުށްތަކާ ގުޅޭ އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، ޑިޖިޓަލް ދާއިރާގެ ސަލާމަތީ ރައްކާތެރިކަން އިތުރުކޮށް، ތަޙުޤީޤުކުރުމުގެ ހުނަރު އިތުރުވެގެންދާނެ ކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ