ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ބޭނުންކުރަން ފަށައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މި ބަދަލާއެކު ކުރީގެ ޓަރމިނަލްގައި ދެމުން އައި އެންމެހައި ޚިދުމަތްތައް މިހާރުވަނީ އައު ޓަރމިނަލަށް ބަދަލުކޮށްފައެވެ.

އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮރާޓާ ޕްރޮސެސްގެ ދަށުން ކުރިއަށްގެންދިޔަ މި ބަދަލުވުމުގެ މަރުހަލާގައި ފަސިންޖަރުންނަށް ޚިދުމަތް ދިނުމާއި ޓަރމިނަލްގެ އޮޕަރޭޝަންތައް ޗެކްކުރުން ހިމެނެއެވެ. އަދި މި މަރުހަލާ ކުރިއަށް ގޮސްފައިވަނީ ވަރަށް އަމާންކަމާއެކުގައި ކަމަށް އެފަރާތުން ފާހަގަކުރެއްވިއެވެ.

ޓަރމިނަލް ބަދަލުކުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއޭސީއެލްއިން ފާހަގަކުރައްވާފައިވަނީ، ކޯޑް ސީގެ މަތިންދާ ބޯޓުތައް ޖެއްސުމަށްޓަކައި ރަންވޭއާ ކައިރީގައި ހުރި ކުރީގެ ޓަރމިނަލް އިމާރާތާއި އެ ސަރަހައްދުގެ އުސްތަންތައް ހުސްކުރަން ޖެހުމެވެ. މި ބަދަލުތައް ގެނެސްފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށެވެ.

136.6 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ އެއަރޕޯޓުގައި 2465 މީޓަރުގެ ދިގު ރަންވޭއެއް ހިމެނެއެވެ. މި ރަންވޭގައި ބޮއިން 737 އާއި އެއަރބަސް A320 ފަދަ ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ފިޔަވައި އެއިރޯ ބްރިޖާއެކު ތަރައްޤީކުރެވޭ މި އެއަރޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ ފެންވަރުގެ އެއަރޕޯޓެކެވެ. އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށި މި މަޝްރޫޢުގެ ރަސްމީ ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ