ކުޅިވަރުގެ 52 މަޝްރޫޢު ނިންމުމަށް އަމިއްލަ 9 ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، ޖުމްލަ 52 ކުޅިވަރު މަޝްރޫއެއް ނިންމުމަށް އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ.

މި އެއްބަސްވުމުގެ ދަށުން އަމިއްލަ ކުންފުނިތަކުން ކުރިއަށްގެންދާނެ މަސައްކަތްތަކުގެ ތެރޭގައި ފުޓުބޯޅަ، ވޮލީބޯޅަ، ހޭންޑްބޯޅަ، ބެޑްމިންޓަން އަދި ސްވިމިން ޓްރެކްތަކާ ގުޅުންހުރި މަޝްރޫޢުތައް ހިމެނެއެވެ. މި މަސައްކަތްތަކުގެ ތެރޭގައި މުޅިން އަލަށް ދަނޑުތައް އެޅުމާއި، ދަނޑުތަކުގެ އާބާތުރަ ފިލުވާ މަރާމާތުކުރުން، ލައިޓިން މަސައްކަތް، ޓާފް އެޅުން އަދި ވަށާފާރުލުން ފަދަ ދަނޑުތައް ބޭނުންކުރެވޭ ފެންވަރަށް ނިންމުމަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ހިމަނާފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ފުޓްބޯޅައާ ގުޅުންހުރި 22 މަޝްރޫއެއް ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫޢުތައް ކުރިއަށްދާނީ ބ. ދޮންފަނު، ބ. ކިހާދޫ، ޏ. ފުވައްމުލައް، މ. މުލައް، މ. ވޭވަށް، ހއ. މާރަންދޫ، ށ. ފޭދޫ، ތ. މަޑިފުށި، ށ. މާއުނގޫދޫ، ރ. ވާދޫ، ހއ. އިހަވަންދޫ، ހދ. ނޭކުރެންދޫ، އއ. މާޅޮސް، ބ. ދަރަވަންދޫ، ދ. މާއެނބޫދޫ، ހދ. ވައިކަރަދޫ، ނ. ވެލިދޫ، ހދ. ނައިވާދޫ، ތ. ކިނބިދޫ، ގދ. ފިޔޯރީ، ހދ. ނޮޅިވަރަމް އަދި ހދ. ކުޅުދުއްފުށި ސިޓީގައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފުޓްބޯޅަ ދަނޑުތަކުގެ ލައިޓިން މަސައްކަތް، ބައުންޑްރީ ވޯލްލުން، ފެންސްޖެހުން އަދި ޓާފް އެޅުން ހިމެނެއެވެ.

މީގެ އިތުރުން ފުޓްސަލް ތަރައްޤީކުރުމަށް 10 މަޝްރޫއެއް ހިމަނާފައިވާއިރު، ފުޓްސަލް ދަނޑުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫ، ށ. ފޯކައިދޫ، ބ. ފެހެންދޫ، ހދ. ކުމުންދޫ، ހދ. ކުރިނބީ، ށ. ފޭދޫ، ށ. ޅައިމަގު، ތ. ކިނބިދޫ އަދި ތ. ވިލުފުށީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ދާދި ފަހުން ދެއްވި ޔަގީންކަމާ އެއްގޮތަށް، ހޭންޑްބޯޅަ ކުރިއެރުވުމަށްވެސް މި މަޝްރޫޢުތަކުގައި ވަނީ ޚާއްސަ ސަމާލުކަމެއް ދީފައެވެ. ޖުމްލަ 14 ރަށެއްގައި ހޭންޑްބޯޅައާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދާއިރު، އޭގެ ތެރެއިން 11 ރަށެއްގައި މިކުޅިވަރަށް ޚާއްސަ އައު ކޯޓުތަކެއް އެޅިގެންދާނެއެވެ. މި މަޝްރޫޢުތައް ކުރިއަށްދާނީ ފ. ނިލަންދޫ، ށ. ފޯކައިދޫ، ށ. ފުނަދޫ، ށ. ފޭދޫ، ތ. ކިނބިދޫ، ތ. ވިލުފުށި، ގދ. ތިނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ޅ. ނައިފަރު، މ. ނާލާފުށި، ބ. އޭދަފުށި އަދި ގދ. ވިލިނިގިލީގައެވެ. ޚާއްސަ ގޮތެއްގައި، ހދ. ކުޅުދުއްފުއްޓާ ތ. ވިލުފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފުޓްސަލް އަދި ހޭންޑްބޯޅަވެސް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ މަލްޓި ޕާޕަސް ކޯޓެކެވެ.

ވޮލީބޯޅަ ކޯޓުތަކުގެ މަސައްކަތަށް ބަލާއިރު، ބ. ފެހެންދޫ އަދި ހދ. ނޮޅިވަރަންފަރުގެ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތާ، އައްޑޫ ސިޓީ މަރަދޫ ވޮލީކޯޓުގައި މިހާރު ނުނިމި ހުރި މަސައްކަތްވެސް ވަނީ އަމިއްލަ ކުންފުނިތަކަކާ ހަވާލުކޮށެވެ.

އަދި މި މަޝްރޫޢުގެ ދަށުން ބެޑްމިންޓަން ކުޅިވަރުގެ ވަސީލަތްތައްވެސް ވަނީ ތަރައްޤީކުރުމަށް ހަމަޖެހިފައެވެ. އެގޮތުން ސ. ފޭދޫގައި ބެޑްމިންޓަން ކޯޓެއް ތަރައްޤީކުރެވިގެންދާއިރު، މާލޭ ކުޅިވަރު އެކުވެންޏަށް 4 ބެޑްމިންޓަން ކޯޓު އިތުރުކޮށް، އެތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ހދ. ވައިކަރަދޫގައި ސްވިމިންގ ޓްރެކްއެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ހަވާލުކުރެވުނު 52 މަޝްރޫޢު ނިންމުމަށް ހަވާލުކޮށްފައިވަނީ 8 ކުންފުންޏަކާއެވެ. އެއީ އެޝުއާ ސަޕްލައި، ކޯރލައިން، މާލާ، ތުރީ ޓްރީ، އެލީޓް އިންޓަނޭޝަނަލް، ޓްރަސްޓެންގ މޯލްޑިވްސް، މޭނާ، ފެޑޯ އަދި އެކުއާ ލައިން ޕްރައިވެޓް ލިމިޓެޑްއެވެ. މި މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ އެތައް ރަށެއްގެ ކުޅިވަރުގެ ފެންވަރު ރަނގަޅުވެ، ޒުވާނުންނަށް ފަސޭހައިން ކުޅިވަރުގެ ވަސީލަތްތައް ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ