ތާރީޚީ މަޢުލޫމާތު އެއްކުރުމަށް އިސްރަށްވެހިންގެ އިންޓަވިއުނެގުމުގެ މަސައްކަތް ފަށަނީ

ދިރާސީ ބޭނުމަށްޓަކައި ރާއްޖޭގެ ތާރީޚީ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޢުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް ނެގުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތާ ގުޅޭގޮތުން މިހާތަނަށް 70 ކައުންސިލަކާ ބައްދަލުކުރައްވާ، މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެވެ.

"މި މަސައްކަތުގެ ބޭނުމަކީ ޢިލްމީ ތާރީޚީ ދިރާސާތައްކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުން. ރާއްޖޭގެ އެކި ހިސާބުތަކުން މަޢުލޫމާތު އެއްކުރެވޭނެ،" ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން 50 އަހަރުން މަތީގެ މީހުންގެ ތާރީޚީ ވާހަކަތައް އެއްކުރެވި ރައްކާކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ތަރިކައިގެ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ތަރިކައިގެ ތަކެތި ރައްކާތެރިކޮށް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން، ތަރިކައިން އާމްދަނީ ހޯދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މިގޮތުން ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަށް ތަރިކަ ހުންނަ ސަރަހައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސިޔާސަތުގެ ދަށުން "ޣާރީ ދަރުންގެ އަސަރުތައް ޙިމާޔަތްކުރުން" މި ނަމުގައި ހއ. އަތޮޅުގައި ޚާއްސަ މަޝްރޫޢެއް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކޮށްދެއްވި ބަޠަލު މުޙައްމަދު ތަކުރުފާނާ ގުޅިފައިވާ ތަރިކަތައް ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަގު ފަހިވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ