ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކޮށް، އެ ޚިދުމަތް ދޭން ފަށައިފިއެވެ. މިކަން ހާސިލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ 11 ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މީގެ ކުރިން ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ނުލިބޭ 7 ރަށެއްގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފައްޓަވާފައެވެ. އެއީ ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫއެވެ. އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބީއެމްއެލްގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫޢުގެ ދަށުން މި އަހަރު އެކަނި ވެސް މުޅިން އަލަށް 103 ރަށެއްގައި ބީއެމްއެލްއިން ވަނީ އޭޓީއެމް ގާއިމްކޮށްފައެވެ. ބޭންކުން ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލްއިންދޭ އިސްކަންކަން ދައްކުވައިދޭ ކަމަށެވެ.

މިހާރު އޭޓީއެމް ޚިދުމަތް ނުލިބެނީ ހަމައެކަނި އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ 2 ރަށަށެވެ. ބީއެމްއެލްގެ އަމާޒަކީ މިމަހުގެ ތެރޭގައި މި ރަށްރަށުގައިވެސް ޚިދުމަތް ޤާއިމްކޮށް، މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމެވެ. މިހާރު މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 252 އޭޓީއެމް ދަނީ ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ