ދުވާލަކު 3200 ޑޮލަރު ނެގޭ، ބީއެމްއެލް ވިސާ ޕްލެޓިނަމް ކާޑު ތަޢާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު އެކައުންޓްތަކަށް ހާއްސަކޮށްގެން، ދުވާލަކު 3,200 ޑޮލަރު ނެގޭނެ ވިސާ ޕްލެޓިނަމް ޑެބިޓް ކާޑެއް ތަޢާރަފްކޮށްފިއެވެ. މި ކާޑަކީ ރާއްޖެއިން ބޭރުގައި ދުވާލަކު 5,000 ޑޮލަރުގެ މުޢާމަލާތްތައް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކާޑެކެވެ.

މި އައު ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތަޢާރަފްކޮށްފައިވަނީ ބީއެމްއެލްގެ "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކާޑު އިފްތިތާހްކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެވެ.

މި ކާޑުގެ މުހިންމު ފީޗަރތަކުގެ ތެރޭގައި ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ ފައިސާގެ އަދަދު ދެގުނަ އިތުރުވުން ހިމެނެއެވެ. އެގޮތުން ދުވާލަކު 3,200 ޑޮލަރު ނެގޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރުމަށް 5,000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ވިސާގެ ބައިނަލްއަޤްވާމީ އޮފަރތަކާއި، 24 ގަޑިއިރު ވިސާ ޕްލެޓިނަމް ކޮންސިއާޖް ހިދުމަތްވެސް މި ކާޑު މެދުވެރިކޮށް ލިބިގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އައު ވިސާ ޑެބިޓް ޕްލެޓިނަމް ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުގައި ހުންނަ ފަންޑުތަކަށް ފަސޭހައިން ވާސިލުވެ، ޕްރިމިއަމް ފެންވަރުގެ ތަޖުރިބާވެސް ލިބޭނެ ކާޑެއް ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް އިންޓަރނޭޝަނަލް ބޭޏްކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްދިނުން. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިންގ ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރެވުނު ކާޑެއް." ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން ހާމަކުރެއްވި ގޮތުގައި، މި ކާޑަށް އެދި މިހާރުވެސް އިންޓަރނެޓް ބޭންކިންގ ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި އައު ކާޑުގެ ސަބަބުން ކަސްޓަމަރުންނަށް ގްލޯބަލް ވިސާ ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްކުރެވޭ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބޭ ހާއްސަ އިނާޔަތްތައް ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ