ރާއްޖޭގެ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމު ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މޯލްޑިވްސް ޕޮލިޓެކްނިކްއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ "ސްކިލް ފެސްޓް 2025" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި ފެސްޓިވަލް ކުރިއަށްދަނީ ޕޮލިޓެކްނިކްގެ އިމާރާތުގައެވެ.
މި ރަސްމިއްޔާތުގައި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދާއި، ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީންގެ އިތުރުން އިސްވެރިންނާއި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެވެރިވިއެވެ. ފެސްޓް ހުޅުއްވައިދެއްވުމުގެ ގޮތުން، ފަސްޓް ލޭޑީ ސާޖިދާ ވަނީ ޕޮލިޓެކްނިކްގެ 50 އަހަރުގެ ހަނދާނީ ބޯޑުގެ ހަރަކާތް އިފްތިތާޙުކޮށްދެއްވާފައެވެ. އެކަމަނާ ވަނީ ފެސްޓިވަލްގެ ވޯކްޝޮޕްތަކާއި ސްޓޯލްތައް ބައްލަވާލައްވައި، ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ. މިގޮތުން ޕޮލިޓެކްނިކްގެ ދަރިވަރުން ވަނީ ފަސްޓް ލޭޑީއަށް ހަނދާނީ ހަދިޔާއެއްވެސް އަރުވާފައެވެ.
މި ފެސްޓިވަލާ ގުޅޭގޮތުން ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވީ، ޕޮލިޓެކްނިކްގެ 50 އަހަރުގެ ޚިދުމަތަކީ ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަށް ކުރެވުނު އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. ޛޫޝާން އިތުރަށް ވިދާޅުވީ، ކޮންމެ މީހަކީވެސް ހުނަރުތަކެއް ލިބިގެންވާ މީހެއްކަމަށާއި، ޕޮލިޓެކްނިކްގެ އެންމެ ބޮޑު އަމާޒަކީ ވަޒީފާގެ މައިދާނަށް ދިވެހިން ތަމްރީންކޮށް ނެރުން ކަމަށެވެ. "އަޅުގަނޑުމެންގެ އެންމެ ބޮޑު އާމާޒަކީ ވަޒީފާ މައިދާނަށް ދިވެހިން ތަމްރީންކޮށް، ނެރެ، ރާއްޖޭގެ ވަޒީފާތަކަށް ބިދޭސީން ގެންނަންޖެހޭ ޖެހުން މަދުކުރުން. އަދި މި ސިނާޢަތްތަކުގައި ދިވެހިން ކުރިއަރާ ދިއުން،" ޛޫޝާން ފާހަގަކުރެއްވިއެވެ.
ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލަކީ ޕޮލިޓެކްނިކްގެ މަސައްކަތްތަކާއި ހިންގާ ކޯސްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ޢަމަލީ ވޯކްޝޮޕްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބޭ މުހިންމު މަންސައެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސައްކަތުގެ ޢަމަލީ ތަމްރީން ލިބޭގޮތަށް ހަދާފައިވާ ވޯކްޝޮޕްތަކެކެވެ. އެގޮތުން މެކޭނިކަލް، އިލެކްޓްރޯނިކްސް، އިންޖިނިއަރިން، ރޮބޮޓިކްސް އަދި ކޭކް ބޭކިންއާއި ފެޝަން ޑިޒައިން ފަދަ ތަފާތު ދާއިރާތަކުގެ ހުނަރުތައް ދަސްކޮށްލުމުގެ ފުރުޞަތު ލިބެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި ތަފާތު ގޭމްތައްވެސް ފެސްޓިވަލްގައި ހިމެނެއެވެ.
ޕޮލިޓެކްނިކްއިން ހާމަކުރައްވާ ގޮތުގައި މި ފެސްޓިވަލްއަކީ ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭގޮތަށް ހިންގާ ހަރަކާތެކެވެ. ޚާއްސަކޮށް ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންވެސް މި ހަރަކާތުގައި ބައިވެރިވުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ. މި ހަރަކާތުގައި ޕޮލިޓެކްނިކްގެ ސްކޫލްތަކުގެ އިތުރުން، ބައެއް ދައުލަތުގެ ކުންފުނިތައް (އެސްއޯއީތައް) ވެސް ބައިވެރިވެއެވެ. ފެސްޓިވަލް ކުރިއަށްދާނީ ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ. ފެސްޓިވަލްއަށް ވަނުމަކީ ހިލޭކަމެއް ނަމަވެސް، ޒިޔާރަތްކޮށް ރެޖިސްޓްރީކުރުމުން ލަކީޑްރޯތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
 
								
 
											
 
								

 
														 
														 
														 
														 
														 
														