މޯލްޑިވްސް ޕޮލިޓެކްނިކުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިފަހަރުވެސް ޕޮލިޓެކްނިކުން ކުރިއަށް ގެންދާ ކޯސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދިޔުމަށް ނިންމާފައިވާއިރު، އެގޮތުން ގއ.ވިލިގިލީގެ ކެމްޕަހުގައި 8 ޕްރޮގްރާމް، ރ.އަލިފުށީގައި 8 ޕްރޮގްރާމް، އައްޑޫ ސިޓީގައި 8 ޕްރޮގްރާމް، ގދ. ގައްދޫގައި 5 ޕްރޮގްރާމެއްގެ އިތުރުން މާލޭގައި 30 ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި 6 ދާއިރާއަކުން 34 ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
އޭގެތެރޭގައި އިލެކްޓްރީޝަނުން ތަމްރީން ކުރުމާއި ސްމޯލް ބިޒްނަސް މެނޭޖްމަންޓްގެ ޕްރޮގްރާމްތަކާއި، ޕްރޮޖެކްޓް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން އާއި ކަސްޓަމަރ ރިލޭޝަން އެންޑް ފްރޮންޓް އޮފީސް ޕްރޮގްރާމް، އަދި ގެސްޓްހައުސް މެނޭޖްމަންޓާއި އޮފީސް މެނޭޖްމަންޓް ޕްރޮގްރާމްތައްވެސް ހިމެނެއެވެ.
ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ ލެވެލްއަށް ކުރިއަށްގެންދާ މި ޕްރޮގްރާމްތަކަކީ 6 މަހާއި 2 އަހަރު ދުވަހުގެ ޕްރޮގްރާމްތަކެކެވެ.
ޕޮލިޓެކްނިކުން ކުރިއަށްގެންދާ ކޯސްތަކަކީ ފީ ނުނަގާ ކުރިއަށްގެންދާ ކޯސްތަކަކަށް ވާއިރު، ޖެނުއަރީ އިންޓޭކްގެ ޖާގައަކީ 1500 ނަމަވެސް އެއަށްވުރެ ގިނައިން ކުރިމަތިލައިފިނަމަ އެކުދިންވެސް ބާކީ ނުކޮށް، ހުރިހާ އެންމެނަށްވެސް ފުރުސަތު ދެވޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް ޕޮލިޓެކްނިކުން ބުނެއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
