ތ. އަތޮޅު ގުރައިދޫއާއި ތިމަރަފުށީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް މި ދެރަށުގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށާއި، އަދި ޚިދުމަތް އަވަސްވެ ހަރުދަނާވެގެންދާނެ ކަމަށެވެ. ތ. އަތޮޅުގައި މިހާރު މި ޚިދުމަތް ލިބޭ ރަށްތަކުގެ ތެރޭގައި މީގެ ކުރިން ގާއިމުކުރެވިފައިވާ ވޭމަންޑޫއާއި ވިލުފުށިވެސް ހިމެނެއެވެ.
މާލެއިން އެކަނި ލިބެމުންދިޔަ އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ވަޢުދުފުޅެކެވެ. ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ވަނީ ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިން، ހުސްވި ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހު ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ލާމަރުކަޒީ އުސޫލުން، މާލެ ސަރަޙައްދުން ބޭރުން އެންމެ ފުރަތަމަ މި ޚިދުމަތް ޤާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ގއ. ވިލިނގިލީގައެވެ.
ރާއްޖޭގެ އެތެރޭގައި ޚިދުމަތް ފުޅާކުރުމުގެ އިތުރުން، ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ މުހިންމު ސިޔާސަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނައުމެވެ.



