ތިމަރަފުށީގައި އިމާރާތްކުރަމުންދާ ހައުސިން ޔުނިޓްތައް ރޯދައިގެ ކުރިން ނިންމައިދޭނަން: ރައީސް

ތިމަރަފުށީގައި މިހާރު އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމައިދެއްވާނެ ކަމަށާއި، އިތުރު 100 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހައުސިން ޔުނިޓްތަކުގެ މަސައްކަތް ލަސްވަމުންދާ ސަބަބު ބައްލަވައި، އެ މަސައްކަތް އަވަސްކުރުމަށް ފެނަކައާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. މި ގޮތުން ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް އަވަސްކޮށް، ރަމަޟާން މަހުގެ ކުރިން ހައުސިން ޔުނިޓްތަކަށް ވަދެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހައުސިން ޔުނިޓްތަކާ ގުޅޭ ގޮތުން ރައީސް ދެއްވި އިތުރު މަޢުލޫމާތުގައި، "ގެތަކުގެ ކުލި މިހާރު ވަނީ 3،333 ރުފިޔާއަށް ކުޑަކޮށްފައި. އަދި ޑައުން ޕޭމަންޓްވެސް މިރަށުގައި 20،000 ރުފިޔާއިން 10،000 ރުފިޔާއަށް ކުޑަކޮށްދޭނަން. އަދި ގްރޭސް ޕީރިއަޑްވެސް ފަށާނީ ގެތަކަށް ވަންނަ ހިސާބުން" ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރަށުގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް ފާހަގަކުރައްވައި، މިހާރު ސިއްޙީ މަރުކަޒު ލެވެލް 4 އަށް ބަދަލުކުރުމުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އިމާރާތަށް ވަސީލަތްތަކާއި މުވައްޒަފުން އިތުރުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ރަށުގެ ބަނދަރު އަލުން ތަރައްޤީކުރެވި، ޖާގަ އިތުރުކުރެވޭނެއެވެ. އަދި އަންނަ ނޮވެންބަރު މަހު ތިމަރަފުށީގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވާނެ ކަމަށާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ހިންގުން ވެމްކޯއާ ހަވާލުކުރައްވައި، ދެމެހެއްޓެނިވި ނިޒާމަކުން ކުނި މެނޭޖުކުރުން ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޖަލްސާ ނިންމަވާލައްވަމުން ރައީސް ފާހަގަކުރެއްވީ، ތ. އަތޮޅުގައި އަދި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު ފަޅުރަށް ފަތުރުވެރިކަމަށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ