މިއަހަރުގެ ވޯލްޑް ޓްރެވަލް މަރޓު (ޑަބްލިއުޓީއެމް) ފެއަރ ކާމިޔާބުކަމަށާއި، މި ފެއަރގެ ސަބަބުން ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށްވެގެންދާނެކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިނގެރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި މި މަޢުރަޒުގެ ފަހު ދުވަހު ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ޑަބްލިއުޓީއެމްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޢުރަޒުކަމަށްވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މި ފެއަރގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޢުރަޒުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަފްދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން 160 ފަރާތެއް ބައިވެރިވެފައިވެއެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދިން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ 650 އަކަމީޓަރުގެ ސްޓޭންޑުގައި، ބައިވެރިވި ކުންފުނިތަކުން ވަނީ ގިނަ ބައްދަލުވުންތަކާއި، މުޢާމަލާތްތައް ހިންގާފައެވެ. ރާއްޖޭގެ ވަފްދުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.
ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ އިނގެރޭސިވިލާތަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި މާކެޓުގެ ދެމެހެއްޓެނިވި ކުރިއެރުމަކީ އިނގިރޭސި ފަތުރުވެރިންނާއެކު އޮތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިއަހަރުގެ ޑަބްލިއުޓީއެމް ކާމިޔާބު ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، "ވަރަށް ކާމިޔާބު މިއަހަރުގެ ޑަބްލިއުޓީއެމް، ގާތްގަނޑަކަށް 4000އަށްވުރެ ގިނަ ފަރާތުން ރާއްޖޭގެ ސްޓޯލްތަކަށް ޒިޔާރަތްކުރި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ، ޔޫރަޕްގެ ސަރަހައްދުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ،" އެވެ.
ޑަބްލިއުޓީއެމްގެ ތެރެއިން މުހިއްމު ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއީ ރާއްޖެއަށް އަަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. އެގޮތުން، ތުރުކީވިލާތް އަދި ގްރީސްގެ ޓޫރިޒަމް މިނިސްޓަރުންނާ ބައްދަލުކޮށް، އެ ޤައުމުތަކުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ. އަދި ޚާއްސަކޮށް ބްރިޓިޝް އެއަރވޭސް، ވަރޖިން އެޓްލާންޓިކް ފަދަ އެއަރލައިންތަކާ ބައްދަލުކޮށް، ރާއްޖެއަށް އިތުރު ފްލައިޓުތައް ގެނެސް، އެ އެއަރލައިންތަކާއި ގުޅިގެން ރާއްޖެ ޕްރޮމޯޓުކުުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް މި ސިނާއަތުގެ ނަފާ އެންމެންނަށް ލިބޭނެ މަގު ފަހިކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އިނގިރޭސިވިލާތަކީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. އެ ޤައުމަކީ، މިހާރު ރާއްޖެއަށް 3ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް އިނގެރޭސިވިލާތުން ރާއްޖެއަށް 159،615 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، 2024 އަހަރާއި އަޅާބަލާއިރު %16 ގެ ކުރިއެރުމެކެވެ.



