އިޤްތިޞާދަށް އަސަރު ނުކުރާނޭހެން އިޖުތިމާއީ ތަރައްޤީއަށް ޚަރަދުކުރުމުގެ ޤާބިލިއްޔަތު ލިބިފައިއޮތުން މުހިންމު

ޝާމިލުކަމާއި، ހަމަހަމަކަމާއި، ވިލުންތެރިކަމުގެ ތަރަހައިގެ ތެރެއިން، ބައިނަލްއަޤުވާމީ ފެންވަރުގައި އިޖުތިމާޢީ ތަރައްޤީ ހޯދުމަށް މަސައްކަތްކުރުމުގެ އަޒުމުގެ މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވައި، ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ވާހަކަފުޅު ދައްކަވައިފިއެވެ.

އެމަނިކުފާނު ވަނީ އިޤްތިޞާދަށް ނޭދެވޭ އަސަރު ނުކުރާނޭ ގޮތަކަށް އިޖުތިމާޢީ ތަރައްޤީއަށް ޚަރަދުކުރުމުގެ މާލީ ޤާބިލިއްޔަތު ލިބިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، 1995 ވަނަ އަހަރު ބޭއްވި، ފުރަތަމަ، ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓަށް ފަހު މި ވޭތުވި ދުވަސްތަކަށް ނަޒަރު ހިންގަވާލައްވާފައެވެ. އެގޮތުން، އެންމެހައި އިންސާނުންނަށް އަމަންއަމާންކަމާއި، ފުދުންތެރިކަމާއި، ޢަބުރުވެރި ދިރިއުޅުމެއް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ އަސާސަކީ އިޖުތިމާޢީ ތަރައްޤީކަމުގައި ހެދުމުގެ ސާފު ތަޞައްވުރެއް ގެންގުޅެމުންދިޔަނަމަވެސް، ތަރައްޤީ މީޒާންވެފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަންހެނުންގެ ޙައްޤުތައް ވަކި ހިސާބެއްގައި ހިފެހެއްޓިފައިވާކަމާއި، ތަރައްޤީގައި ފަރަގުތައް އިތުރުވަމުންދާކަމާއި، މޫސުމީ ބަދަލުތައް އިތުރުވެ، ނާޒުކު މުޖުތަމަޢުތައް އިތުރު ހިރާހަށް ހުށަހެޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ ފަދަ، ތަރައްޤީވަމުން އަންނަ ކުދި ޖަޒިރާ ޤައުމުތަކުގެ އެންމެ ބޮޑު ވަސީލަތަކީ ރައްޔިތުންކަން ފާހަގަކުރައްވައި، އިންސާނީ ތަރައްޤީއަށް ވުނަކުރުމަކީ، އެފަދަ ޤައުމުތަކުގެ ކުރިއެރުމަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް އިސްކަންދީ، ޤައުމަށް އެންމެ މުހިންމު ކަންކަން ދެނެގަނެގެން، ޞިއްޙީ ފަރުވާގެ ނިޒާމާއި، ތަޢުލީމާއި، ޑިޖިޓަލްކުރުމާއި، މޫސުމީ ވިލުންތެރިކަމަށް ވުނަކުރުމަކީ، ދިވެހި ސަރުކާރުން އެންމެ އަހުމިއްޔަތު ދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދަށް ނޭދެވޭ އަސަރު ނުކުރާނޭ ފަދަ ގޮތަކަށް އިޖުތިމާޢީ ތަރައްޤީއަށް ޚަރަދުކުރުމުގެ މާލީ ޤާބިލިއްޔަތު ލިބިފައިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ދަރަންޏަކީ ޤައުމުގެ ވިލުންތެރިކަން ބިނާކުރާ އާލާތަކަށް ހެދުމަށް ރާއްޖެއިން ހުށަހަޅާ ހުށެހެޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. "މި ފަދަ މަސައްކަތްތަކުގެ އެހީގައި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ބިނާރު ޤާއިމުކޮށް، ޑިޖިޓަލް އިންކްލޫޝަން ފުޅާކޮށްގެން، ޝާމިލު އަދި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މަގުފަހިކުރެވޭނޭ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްރަށްވެހިންނަށް އިނާޔަތް ދިނުމާއި، ބޭސްފަރުވާއަށް ކަވަރޭޖްދިނުމުގެ ނިޒާމާއި، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް އަސާސީ ޚިދުމަތްތައް ލިބޭނޭ އިންތިޒާމުތައް ޤައުމީ ފެންވަރުގައި ކަށަވަރުކުރުމުގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުންވެސް ރައީސް ނައިބު ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނު ވަނީ، 2030 ވަނަ އަހަރު އަންނަ އިރު، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 15 އިންސައްތަ ހިއްސާކުރާނީ ކްރިއޭޓިވް އިކޮނޮމީ އިން ކަމުގައި ހެދުމުގެ އަމާޒުގައި އެކުލަވާލާފައިވާ މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓީޖިކް އެކްޝަން ޕްލޭން އަށްވެސް އިޝާރާތްކުރައްވާފައެވެ. މި މަސައްކަތުގެ ތެރެއިން ޒުވާނުންނަށް ފުރުޞަތުތައް އިތުރުކޮށް، އިޤްތިޞާދު ސިންދަފާތުކުރެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ