ރާއްޖޭގައި ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ އެކޮލެޖަކަށް ލިބޭގޮތަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ގެނެވުނު އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި އިސްލާހު ފާސްކުރީ، ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ހުށަހެޅި ރިޕޯޓަށް ބަލައި، މަޖިލީހުގެ މެންބަރުންގެ ވޯޓާއެކުގައެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢުއެވެ. ބިލުގެ މަޤްސަދަކީ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ޤާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި އިސްލާހުތައް ކޮމިޓީން ފާސްކުރީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ކުރިން ޤާނޫނުގައި އޮތްގޮތުން ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވާ ތަންތަނަށް ނޫނީ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ. އިސްލާހާއެކު މި މުއްދަތު ވަނީ 15 އަހަރަށް ދަށްކުރެވިފައެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޤައުމެއްގައި ރަޖިސްޓްރީވެ 10 އަހަރުވެފައިވާ ޔުނިވަރސިޓީތަކަށް ރާއްޖޭގައި ޔުނިވަރސިޓީގެ ގޮތުގައި ރަޖިސްޓްރީކުރެވޭނެ އުޞޫލަށް ބަދަލެއް ނާދެއެވެ. މިހާރު ރާއްޖޭގައި ޔުނިވަރސިޓީގެ ގޮތުގައި ހިންގަމުންދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ.
މުއްދަތު ކުރުކުރުމުގެ އިތުރުން، ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު އެ ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ވަނީ މި އިސްލާހުގައި ތަފްސީލުކޮށް ބަޔާންކޮށްފައެވެ. މިގޮތުން، ކޮލެޖަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ދެވޭނެކަމަށް ކަނޑައަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލަރސް) އަދި ލެވެލް 9 (ޑޮކްޓަރަލް) ގެ މަދުވެގެން 3 ދާއިރާއަކުން ޕްރޮގްރާމްތައް ހިންގާ ކޮލެޖަކަށް ވާންޖެހެއެވެ.
އަދި ލެވެލް 7ން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 1000 އަށްވުރެ ގިނަވާންޖެހޭނެކަން ވެސް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، އެކަޑަމިކް ޕްރޮގްރާމުތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ޔުނިވަރސިޓީގެ ދަރަޖަ ލިބުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތުން ލާޒިމުކޮށްފައިވެއެވެ. އެގޮތުން، ބައިނަލްއަގުވާމީ ޔުނިވަރސިޓީ ރޭޓިން ނުވަތަ ރޭންކިންއެއްގައި ބައިވެރިވެފައިވުމާއި، ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުން ހިމެނެއެވެ. މި އިސްލާހުތަކާއެކު، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ފުޅާވެ، ފެންވަރު ރަނގަޅު ޔުނިވަރސިޓީތައް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.



