ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއިން ރާއްޖެއިން ބޭރުވާ ފައިސާ މަދުކުރުމަށް ދަނީ ފިޔަވަޅު އަޅަމުން: ވަޒީރު ޒަމީރު

ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއިން ދިވެހިރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު މަދުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އިސްކަންދެއްވައެވެ. އަދި ދިވެހި ކުންފުނިތަކާއި މަސައްކަތްތައް ހަވާލުކުރަނީވެސް އެ މަޤްޞަދުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމުގެ ތެރެއިން ފައިސާ ހޯދައި ޤައުމުން ބޭރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތަށް މިހާރު އެންމެ ބޮޑަށް ހިންގަމުން އަންނަ ދާއިރާއަކީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާއެވެ. ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބޭރުގެ ރިއަލް އެސްޓޭޓް އެސެޓްތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ، އެމެރިކާ ޑޮލަރަށް ބަދަލުކޮށް ރާއްޖޭގެ މާލީ ނިޒާމުން ބޭރުކުރަމުންދެއެވެ.

މިކަން ބަދަލުކުރުމަށްޓަކައި މާލީ ވުޒާރާއިން ވަނީ ރިއެލް އެސްޓޭޓް ސިނާޢަތާއި ގުޅޭ ކޮންޓްރެކްޓަރުންނާއި ސްޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަން ދިނުމަށް ދައުލަތުގެ ހިއްސާ އޮތް ކުންފުނިތަކަށް އަންގާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، "މިކަން ބަދަލުކުރުމަށް މާލީ ވުޒާރާއިން މިހާރު ވާނީ ރިއެލް އެސްޓޭޓް ސިނާޢަތާއި ގުޅޭ ކޮންޓްރެކްޓަރުންނާއި ސްޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަން ދިނުމަށް ދައުލަތުގެ ހިއްސާ އޮތް ކަމާއިބެހޭ ކުންފުނިތަކަށް އަންގާފައި. ހަމައެއާއެކު ނޭޝަނަލް ޓެންޑަރ ބޯޑުންނާއި މަސްއޫލުވެރި ފަރާތްތަކަށް ވާނީ ދިވެހި އަމިއްލަ ވިޔަފާރިތަކަށް އެތައް 100 ކޮންޓްރެކްޓެއް ހަވާލުކޮށްފައި."

މާލީގޮތުން ގެނެވޭ މިފަދަ ބަދަލުތަކާއެކު ސަރުކާރުގެ އަމާޒަކީ، ޓެކްސް ދައްކާ ދިވެހި ކުންފުނިތައް ނަގާ ކޮޅަށް ޖަހައި އެކުންފުނިތައް އައު އުސްމިންތަކަށް ގެންދިއުން ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ސަރުކާރުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ދޭ ބޮޑު އިސްކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ދާއިރާއިން ރާއްޖޭއިން ބޭރުވާ ފައިސާ މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިހާރު އިސްލާހުކޮށްފައިވާ ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސް (ބޭރުގެ އިންވެސްޓްމަންޓްގެ ޤަވާއިދު) ގެ ތެރެއިން ބޭރުގެ ވިޔަފާރިތަކަށް ބަންދުކުރި ދާއިރާތަކުގެ ތެރޭގައި 100 މިލިޔަން ޑޮލަރަށް ވުރެ ދަށް ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ. ސަރުކާރުގެ މި ސިޔާސަތަކީ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ދާއިރާތައް ބޭރުގެ ފަރާތްތަކަށް ބަންދުކޮށް، ދިވެހިންނަށް އިތުރަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އިންވެސްޓް ކުރުމަށް ފުރުސަތު ހުޅުވާލުން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ