އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

2026 ވަނަ އަހަރަށް ލަފާކުރާ މި ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ.

މި ބަޖެޓުގައި ހިމެނޭ ޖުމްލަ ޚަރަދަކީ 49.2 ބިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ ހިމެނޭއިރު، ކެޕިޓަލް ޚަރަދަށް 9.3 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.4 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ބޮޑު އަދަދެއް ވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ހިމަނާފައެވެ. އެގޮތުން ހަމައެކަނި މިކަމަށް 9.3 ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. މި ޚަރަދުތައް ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ.

"މިސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއް. ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ޚިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ބަޖެޓެއް. ޤައުމީ ތަރައްޤީގެ މުހިންމު ލަނޑުދަނޑިތަކަށް ހަޤީޤީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެއް" ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ބަޖެޓު ބަޔާން ނިންމަވައިލައްވަމުން ވަޒީރު މޫސާ ޒަމީރު ވަނީ މި ބަޖެޓު ހުށަހަޅާފައިވާ ގޮތަށް މަޖިލީހުން ފާސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި މަޖިލީހުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ