ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާހުތައް ފާސްކޮށްފި

ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހުތަކުގެ މައިގަނޑު މަޤްސަދަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމާއި އިތުބާރު ދެމެހެއްޓޭނެ ފަދަ ސުލޫކީ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައެޅުމެވެ.

ފާސްކުރެވުނު އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އުސޫލުތަކާއި، ވިޔަފާރިކުރުމާއި މާލީ މުޢާމަލާތްތައްކުރުމާ ގުޅޭ އުސޫލުތައް ވަނީ ތަފްސީލުކޮށްފައެވެ. އަދި ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަންޖެހޭ އުސޫލުތައް މުރާޖަޢާކޮށް، އިތުރަށް ހަރުދަނާކޮށްފައިވެއެވެ. މި އިސްލާހުގައިވާ ގޮތުން ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނަވާ އެއްވެސް ބޭފުޅަކު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ. އަދި ދައުލަތުގެ ބިން ގަތުމާއި، ކުއްޔަށް ހިފުމާއި، ދައުލަތާއި އެހެން ފަރާތަކާ ދެމެދު ވެވޭ މުޢާމަލާތެއްގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެކަން ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ފަނޑިޔާރުން އައްޔަން ކުރައްވާފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމާއި، ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުތައްވެސް މި ބިލުގައި ވަނީ ތަފްސީލުކޮށްފައެވެ. އަދި މައްސަލަތައް ނިންމުމުގައި ލަސްވުންތައް ކުޑަކުރުމަށްޓަކައި، ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައިނުވާނަމަ، އެކަން ކޯޓުގެ އިސް ފަނޑިޔާރާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ޖޭއެސްސީ) އަންގަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މިހާރުގެ ޤާނޫނުގައި އޮންނަނީ ހަމައެކަނި ކޯޓުގެ އިސް ފަނޑިޔާރަށް 6 މަސް ދުވަހުގެ ތެރޭގައި އެންގުމެވެ.

ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މިހާރުގެ ޤާނޫނުގައި ކޮންމެ ފަނޑިޔާރަކު އަހަރަކު އެއް ފަހަރު ޖޭއެސްސީއަށް މާލީ ބަޔާން ހުށަހަޅަންޖެހޭއިރު، އާ އިސްލާހުގައިވާ ގޮތުން ފަނޑިޔާރުން މަޤާމާ ހަވާލުވާއިރު މިލްކިއްޔާތުގައި ހިމެނޭ ތަކެތީގެ މާލީ ބަޔާން، މަޤާމާ ހަވާލުވެވަޑައިގަންނަވާތާ 3 މަސް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ. އަދި ކޮންމެ އަހަރެއްގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފާއިތުވި އަހަރުގެ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ފަނޑިޔާރުން މަޤާމުން ވަކިވާނަމަ، ވަކިވާތާ 3 މަސް ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

މި އިސްލާހުތަކުގެ ސަބަބުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް ވަކިކޮށް، އެކަންކަން އިތުރަށް ތަފްސީލުކުރެވިފައިވާތީ، ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާވެ، އާންމުންގެ އިތުބާރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ