ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވަން ބޮޑެތި ލުއިތަކާއިއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ތަސްދީޤުކުރެއްވުމާއެކު، އެސްއީޒެޑު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިހާރު ވަނީ ޤާނޫނަކަށްވެ، އަމަލުކުރަން ފަށާފައެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 5 ވީ ބުދަ ދުވަހު ބޭއްވެވި ޖަލްސާގައެވެ. މި އިސްލާޙުގެ މައިގަނޑު މަޤްޞަދަކީ ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށް ޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމެވެ.
ބިލަށް ގެނެވުނު އިޞްލާޙްގައި ހިމެނޭ މުހިންމު ޝަރުޠުތަކުގެ ތެރޭގައި، ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްޤީކުރުމަށް ކުރާ އިންވެސްޓްމަންޓަކީ 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޒޯނުގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ތަރައްޤީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ނުވަތަ ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްޤީކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ގާއިމުކުރުން ލާޒިމުކުރެއެވެ.
އިޤްތިޞާދީ ޒޯންތަކުގައި ތިމާވެއްޓާ ރައްޓެހި އުސޫލުތަކަށް އިސްކަންދިނުމުގެ ގޮތުން، މިފަދަ ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝެންޓް އިންފްރާސްޓްރަކްޗަރއަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 (ފަސްދޮޅަސް އިންސައްތަ) އަކީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ހަކަތަ ކަމުގައި ވާންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މި ބިލުގައި، އެފަދަ ޒޯނެއްގައި ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރުންނަށް ލިބިދެވޭ ޚާއްޞަ ޢިނާޔަތްތައް ވެސް ވަނީ ހިމަނާފައެވެ.
މި އިސްލާޙާއެކު، ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެ، ޚާއްޞަކޮށް ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދޭ ބޮޑެތި މަޝްރޫޢުތައް ފެށުމަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.




