ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" މިރޭ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކޮށްފިއެވެ.
ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަނަވަރު ހަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒްއެވެ. ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ރަސްމިއްޔާތުގައި މަނަވަރުގެ ނަން ކަޝްފުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ޚިދުމަތް ފެށުމުގެ ލިޔުން، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް ޙަސަން ޝިނާނާ ހަވާލުކޮށްދެއްވާފައެވެ. އަދި މަނަވަރު ކޮމިޝަން ކުރުމުގެ ގޮތުން ސިފައިންވަނީ ޚާއްސަ ޑްރިލްއެއްވެސް ބާއްވާފައެވެ.
"މި މަނަވަރަކީ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން ރަމްޒުކޮށްދޭ ކަމެއް," މިހެން ވިދާޅުވި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒް، ކުރިމަގުގައި ރާއްޖެއާއި ތުރުކީއާ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
ޑޯގަން ކްލާސްގެ މި މަނަވަރަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޯސްޓް ގާޑް ދެގުނަ ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން، ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު އުޅަނދެކެވެ. މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.