ދިވެހި ހައްޖާޖީންނަށް މިނާ އަދި އަރަފާތުގައި ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް، ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން ސައުދީ އަރަބިއްޔާގެ ރަވާފް މިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ސައުދި އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްގެންދާ ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ގެ ތެރެއިންނެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލްއެވެ. އަދި ރަވާފް މިނާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޒުހައިރު އަބްދުލް ހަމީދު ސަދާޔޯއެވެ. މި އެއްބަސްވުމުގެ މަޤްސަދަކީ ކުރިއަށް އޮތް ހައްޖުގެ އަޅުކަމުގައި ދިވެހި ހައްޖާޖީންނަށް މިނާ އަދި އަރަފާތުގައި ލިބޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމެވެ.
ހައްޖުގެ އަޅުކަމުގެ މުހިންމު ބައެއް ކަމަށްވާ މިނާގައި، ހައްޖު މަހުގެ 8، 11، 12 އަދި 13 ވަނަ ދުވަސް ހޭދަކުރަން ޖެހެއެވެ. މިނާއަކީ ތާރީޚީ ގޮތުން މުސްލިމުންނަށް ވަރަށް މުހިންމު ތަނެއް ނަމަވެސް އެތައް މިލިޔަން ބަޔަކު އެއްތަންވާ މިތަނުގައި ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ބޮޑު ގޮންޖެހުމެކެވެ. މީގެ ކުރިން ދިވެހި ހައްޖާޖީންނަށް ލިބެމުން އައި ޚިދުމަތްތަކުގެ ފެންވަރު ހުރީ ދަށުގައެވެ. ޙާޖީން ބޭނުންކުރާ ފޭލިގެތަކާއި ފާޚާނާތައްވެސް ހިއްސާކުރަން ޖެހެނީ އެހެން ޤައުމުތަކުގެ ޙާޖީންނާއެކުގައެވެ. އަދި ދިވެހި ކެއުންތައް ޙާޖީންނަށް ދިނުމަކީވެސް ދަތިކަމަކަށް ވެފައި އޮތް ކަމެކެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ހައްޖުގައި ދިވެހި ސަރުކާރުން ސަޢޫދި ޢަރަބިއްޔާގެ ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ޙާޖީންނަށް މިނާގައި ފޯރުކޮށްދިން ޚިދުމަތުގެ ފެންވަރު ވަނީ މަތިކުރެވިފައެވެ. މީގެ ކުރިން ދެމުން ދިޔަ "ސީ ކެޓަގަރީ"ގެ ޚިދުމަތުގެ ބަދަލުގައި، މިދިޔަ އަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ލިބުނީ "ބީ ކެޓަގަރީ"ންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ހައްޖާޖީންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ދިން އަހަރު ކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ.
މި ބަދަލާއެކު، ނިދުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުޔެއް ލިބި، ދިވެހިންނަށް ޚާއްޞަ ފޭލިގެތައް ލިބުނެވެ. މީގެ ކުރިން މުތައްވިފް މެދުވެރިކޮށް ޕާރުސަލުގައި ކެއުން ބެހިނަމަވެސް، މިދިޔަ އަހަރު ކެއުން ބުއިމުގެ އިންތިޒާމްތައް ބުފޭގެ ގޮތުގައި ހަމަޖެއްސުމުން، ދިވެހި ޙާޖީންނަށް ލިބުނު ފަސޭހަތައް އިތުރުވެގެން ދިޔައެވެ.
އަންނަ އަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާރުވެސް ވަނީ މުހިންމު އެއްބަސްވުންތަކެއް އެކުލަވާލާފައެވެ. އޭގެ ތެރޭގައި ސަޢޫދީ އެއަލައިންނާ އެކު ރާއްޖެއިން ހައްޖަށްދާ މީހުންގެ %50 މީހުން ގެންދިއުމަށް އެއްބަސްވުން ހިމެނެއެވެ. އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ހޯދުމަށް ސަޢޫދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ހައްޖާޖީންނަށް ފަސޭހަކަމާއި ހިތްހަމަޖެހުން ލިބޭނެކަމަށް ބެލެވެއެވެ.



