ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މި ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ދާއިރާއަކުން ކުރެވޭ ކަންކަމަކީވެސް އިސްލާމީ އުޞޫލްތަކާ އެއްގޮތަށް ކުރެވޭ ކަންކަމަށް ހެދުމަށްކަމަށެވެ.
ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި، ވަޢުދުތައް ފުއްދުމާއި، ޒުވާނުން ބިނާކުރުން އަދި އިޤްތިޞާދު ބިނާކުރުމަށްވެސް މަސައްކަތް ކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލްތަކާއި ހަމަތަކާ އެއްގޮތައްކަމަށެވެ. އެމަނިކުފާނު މިކަން ސިފަކުރެއްވީ އެއީ ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައެވެ.
އިސްލާމީ ދާއިރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ވަޤުފު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އެކި ސިޓީތަކުގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދަނީ އިސްލާމްދީނުގެ ދާއިރާއިން ހޭދަކުރުމުގެ ގޮތުންކަމަށާއި، ކޮންމެ ކަންކޮޅެއްގައި ބިނާކުރާ އިމާރާތްތަކުން ޚަރަދުކުރާނީ ދީނީ ކަންކަމަށާއި އަދި އިޖުތިމާއީ ކަންކަމަށް އޮންނަ އުޞޫލުގެ ތެރެއިން ބޭނުން ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައް ބިނާކުރުމަށާއި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރުއާނަށް އިސްކަން ދިނުމުގެ މުހިންމުކަން ބަޔާންކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، "ކީިރިތި ޤުރުއާނަކީ މުސްލިމުން މުހިއްމު އިސްކަމެއްދޭން ޖެހޭ އެއްޗެއް. އަޅުގަނޑު ފަޚުރެއް ގޮތުގައި އަދި އުފަލެއްގެ ގޮތުގައި ދެކެނީ ދިވެހިން ދިިރިއުޅޭ ކޮންމެ ފަސްގަނޑެއްގައިވެސް ޤުރުއާނަށް އިސްކާންދޭނެ ބިނާތަކެއް ޤާއިމްކުރުން."
މިސްކިތްތަކުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން 800 މީހުންގެ ޖާގައަށްވުރެ ބޮޑު މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ރަމަޟާން މަސް އަންނަން ވާއިރަށް މަދުވެގެން 5 މިސްކިތެއް އޭސީކޮށް ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤުރުއާން މުބާރާތަކީ ސަރުކާރުން ރަސްމީކޮށް ހިންގާ އެންމެ އަގުބޮޑު އިނާމުގެ ގޮތުގައި ހިންގޭ މުބާރާތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މުބާރާތުގެ ކޮންމެ ގޮތްޕަކުން 1 ވަނަ ދަރިވަރަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ދިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ ބޭނުމަކީ، ތަޢުލީމީ ގޮތުން ކުރިއަރައިގެން ދިޔުމުގައި ޤުރުއާނުން ވަނަތައް ހޯދައިގެން ކުރިއަށް ދިޔުމުގެ ހިތްވަރު ދިނުންކަމަށް ރައީސް ވިދާޅުވިއެވެ.



