ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢުގެ އިތުބާރު ރާއްޖެއަށް އޮތްކަމުގެ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގޫގުލްއިން ރާއްޖޭގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ނިންމުމަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ އިންވެސްޓަރުންނަށް ފަހި މާހައުލާއި ދެފުށް ފެންނަ ނިޒާމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އޮތް ކަމުގެ ސިގްނަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޫގުލްއިން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަކީ އެންމެންގެ ބައިވެރިވުންއޮތް، ޑިޖިޓަލްގޮތުން ބާރުވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދަކަށް ހަދައި، ސަރަހައްދީ ޑިޖިޓަލް ހަބަކަށް ރާއްޖެ ހެދުމަށް ކުރައްވަމުންދާ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެ މަޝްރޫއެކެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކުރިއެރުވުމުގައި އަމަލީގޮތުން ބައިވެރިވުމަށް ރާއްޖެ މިހާރު އޮތީ ތައްޔާރަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ގޫގުލްއިން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއަށް ނަންދީފައިވަނީ "ދިވަރު" މިނަމުންނެވެ. މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ބައިނަލްއަގުވާމީ ސަބްމެރިން ލޭންޑިން ސްޓޭޝަނަކާއެކު ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ސަރުކާރުން ވަނީ ގޫގުލްއަށް މަރުހަބާ ވިދާޅުވެފައެވެ. މި މަޝްރޫއަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގޫގުލްގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢު ހިންގުމަށް ގޫގުލްއިން ނިންމާފައިވަނީ އުރީދޫ އަދި ދިރާގާ ގުޅިގެންނެވެ.
ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއަކީ ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދެވޭ ތާރީޚީ މަޝްރޫއެއް ކަމަށެވެ. ހިތަދޫގައި ގާއިމުކުރާ ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށާއި، މީގެ ސަބަބުން އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއަކަށް ރާއްޖެ ވެގެންދާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާމިންވަރު ހާމަވާނެ ކަމަށާއި، ކްލައުޑް ސާވިސްއާއި ފިންޓެކާއި ޑިޖިޓަލް ކޮންޓެންޓާއި ޓެކްނޮލޮޖީ ސްޓާޓްއަޕްފަދަ ދާއިރާތައް ރާއްޖޭގައި އިތުރަށް ތަރައްގިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.




