މާފުށީ ޖަލު - ފޮޓޯ: މިހާރު

ޖަލު ގޭޓް ކައިރީ ހަލުތާލުކުރި އަދި ޖަލު ތެރެއިން އޮފިސަރަކަށް ހަމަލާދިން މައްސަލަވެސް ބަލަނީ

މާފުށީ ޖަލުގެ މެއިން ގޭޓް ކުރިމަތީ މުޒާހަރާ ކުރި މައްސަލައާއި، ޤައިދީއަކު ޖަލު އޮފިސަރަކަށް ހަމާލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، 2019 ޖޫން 20 ވަނަ ދުވަހުގެ ހަވީރު 17:38 ހާއިރު މާފުށީ ޖަލުގައި މާރާމާރީއެއް ހިންގައި، ޖަލު އޮފިސަރަކަށް ހަމަލާދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

2019 ޖޫން 23 ވަނަ ދުވަހުގެ 04:45 ހާއިރު މާފުށީ ޖަލު މައި ގޭޓް ކުރިމަތީގައި ހަޅޭއްލަވައި ހަލުތާލުކުރި މައްސަލައެއްވެސް ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަވެސް އެ ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިމަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި އޮފިސަރަކަށް ހަމަލާދީފައިވަނީ 16 އިންޗީގެ އެނބުރި ދަގަނޑުބުރިއަކުންނެވެ. އެ ހަމަލާގައި ޖަލު އޮފިސަރުގެ ކަންފަތްމަތިން ފަޅައިގެން ގޮސްފައިވާއިރު، އޮފިސަރު ވަނީ އަނބުރައިގަނެގެން ގޮޅި ބޭރަށް ވެއްޓިފައެވެ.

މި ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ޖަލު އޮފިސަރަށް ހަމަލާދީފައިވަނީ މަރުގެ މައްސަލައެއްގައި ބަންދުގައި ބަހައްޓާފައިހުރި ޤައިދީއެކެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ކަރެކްޝަންސް ސަރވިސްގެ އެދުމުގެ މަތިން މާފުށީ ޖަލުގައި ފުލުހުންގެ ބެކަޕް ޓީމެއް "ސްޓޭންޑްބައި" ގައި ތިބި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ