މާފުށި ޖަލު- ފޮޓޯ: ސަން

މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅުނުކަމަށް ބެލެވޭ މީހަކު ނިޔާވެއްޖެ

ފަތާފައި މާފުއްޓަށް އަރައި މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅުނުކަމަށް ބެލެވޭ މީހަކު ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ފަތާފައި ގޮސް ޖަލާ ދިމާލު ތޮށިގަނޑު މައްޗަށް އެރި މީހަކު ޖަލުގެ ސެކިއުރިޓީންނަށް ފެނުމުން ފިލަންވެގެން މޫދަށް ފުންމާލުމާއި ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، މާފުށީ ޖަލާ ދިމާލުން މޫދުގައި މީހަކު ގެންބިފައިވާކަމަށް ރޭ މެންދަމު 02:22 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"އެމީހާ މޫދުން ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މަޢުލޫމާތު ދީފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މާފުށީ ޖަލަށް ފޯނާއި، ޗާޖަރު އަދި މަސްތުވާތަކެތި ވައްދަން އެތައް ފަހަރަކު މަސައްކަތްކޮށްފައިވާއިރު، މިގޮތަށް މަސައްކަތްކުރާ ބައެއް ފަރާތްތައް ވަނީ ފުލުހުން ހައްޔަރުވެސް ކޮށްފައެވެ. ޖަލުގައި ފޯނު ބޭނުންކޮށް އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމާއި، ދަންނަ މީހުންނަށް ގުޅައިގެން ލާރި ހޯދުމަކީ އާއްމުކަމެކެވެ.

މިލިޔުން ކިޔާލުމުން
1121
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ