ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ ޑިމޮކްރަސީ އެންޑް އިލެކްޓޯރަލް އެސިސްޓަންސް (އައިޑިޔާ) ގެ ހެޑް އޮފް ކޮންސްޓިޓިއުޝަން ބިލްޑިންގ ޕްރޮސެސަސް ޑރ ސުމިތު ބިސާރިއާ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީ އިން ވިދާޅުވީ، އިއްޔެ ހެނދުނު، ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިސްލާޙުކުރުމުގައި ކުރެވުނު ތަޖުރިބާތަކާއި ޤާނޫނު އަސާސީ ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ކަމަށެވެ.
މި ބައްދަލުވުމުގައި، ޑރ ސުމިތު ބިސާރިއާ ވަނީ ދިވެހިރާއްޖޭގައި ކުރިއަށްދާ ޤާނޫނު އިސްލާޙުކުރުމުގެ މަސައްކަތުގައި، އިންޓަރނޭޝަނަލް އައިޑިއާއިން އެހީތެރިކަން ފޯރުވައިދޭން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.
32 މެމްބަރު ޤައުމެއްގެ މައްޗަށް ހިމެނޭ މި ޖަމްޢިއްޔާއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރެސީގެ އުޞޫލުތައް ޤާއިމްކޮށް، ތަންފީޒުކުރުމުގައި އެހީތެރިވެދިނުމަށް، ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއެކެވެ.



