ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފިއެވެ.
ޖޭއެސްސީ އިން ނިންމައި ރައްޔިތުންގެ މަޖިލިހަށް އިއްޔެ ފޮނުވި ތަހުގީގު ރިޕޯޓުގައިވާ ގޮތުން މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމާފައިވަނީ، އިބްރާހިމް ރަޝީދު އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުޚާތަބުކޮށް ގަޒްފުކުރި މައްސަލައެއްގައެވެ.
މި މައްސަލައިގެ މަޖިލިހުގައި ބަހުސްގައި ގިނަ މެމްބަރުން، އިބްރާހިމް ރަޝީދުގެ ފަނޑިޔާރު ކަމުގެ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެފައިވާއިރު، 73 މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވާށެވެ.
ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު މީހުންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.
އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް 2013 ގައި ހުށަހެޅި އިރު، އޭނާގެ ސުލޫކީ މައްސަލަ ބަލަން އެ ކޮމިޝަނުން މާ ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު އެ މައްސަލައިގައި ޖޭއެސްސީ އިން ގޮތެއް ނިންމައި މަޖިލިހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.




