އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުޠުފީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްގެ މަޤާމުން ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފިއެވެ.
ލުޠުފީ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިއްތިފާޤުން ނިންމެވިއިރު، މި މައްސަލައަކީ ވެލިދޫ ދާއިރާގެ މެމްބަރު އަޙްމަދު އަބްދުﷲ ޝަފީގް ހުށަހަޅައި، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ތާއީދުކުރެއްވި ހުށަހެޅުމެކެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން އެއްވެސް އުޒުރަކާ ނުލައި މިއަދާ ހަމައަށް ވަޒީފާ އަށް ނިކުންނަވާފައި ނުވާތީ ލުތުފީ މަގާމުން ވަކިކުރަން ހުށަހެޅިއިރު، ފާއިތުވި ދެ މަސްދުވަހު ލުތުފީ މަސައްކަތަށް ނިކުންނަވާފައިނުވި ނަމަވެސް ގަވާއިދުން އޭނާ މުސާރަ ނަންގަވަމުންދާ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ލުތުފީ މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރި ނަމަވެސް، މި މައްސަލައާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.