ގާނޫނީ ދާއިރާ ރެގިއުލޭޓް ކޮށް ވަކީލުން ޒިންމާދާރު ކުރުވުމަށް އެކުލަވާލާ މިނިވަން މުވައްސަސާ އުފެއްދުމަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލްފާސްވެފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލް މަޖިލީހަށް ހުށައަޅުއްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.
މިބިލަށް އަމަލު ކުރަން ފެށުމުން ދައުލަތުގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުންނަށް ބާ ކައުންސިލުން ފިޔަވަޅު އެޅޭނެއެވެ.
މި ބިލަކީ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅޭ ކަންތައް ބަލަހައްޓަން އުފައްދާ ބާ ކައުންސިލް އުފެއްދުމަށް ބާރުދޭ ބިލެކެވެ.
ކޮމިޓީމަރުހަލާގައި މި ބިލަށް ވަނީ ބައެއް އިސްލާހުތައްވެސް ގެނެސްފައެވެ.