ކުރީ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ގޯސްތަކުގެ ތަޙުޤީޤު ކުރިޔަށް ނުދިޔުމާއި، އެ މައްސަލަތަކުގެ ޝަރީއަތްތައް ދިގު ލައިގެން ދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މައްސަލައިގެ ބަހުސް ކުރިޔަށް ގެންދަން 64 މެންބަރުންގެ ވޯޓާއެކު ފާސްވި އެ ކުއްލި މައްސަލަ މަޖިލީޖަށް ހުށަހަޅީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ.
ވަހީދު ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ، ވައްކަމާއި ހިޔާނާތާއި މަނީލޯންޑަރިން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ހިނގާފައިވާ ކަންކަން ނުބަލާ ލަސްވާއިރު، ޖިނާއީ ތުހުމަތުތަކެއް ކުރެވޭ އެތަށް ބައެއްގެ މައްސަލަތައް ޝަރީއަތުގެ މަރުހަލާގައި ނުނިމި ހުރި ކަމަށެވެ.
ވެރިކަން ހިންގުމުގެ ނިޒާމް ގަޑުބަޑުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި މަޖިލިސް ހިސޯރުކޮށް އަދި ރެކޯޑު މިންވަރަކަށް ދައުލަތުން ކުރި ވައްކަމާއި ހިޔާނާތުގެ އިތުރުން ފަނޑިޔާރުން ހައްޔަރު ކުރުމާއި ދެ ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާސީ ލީޑަރުން ޖަލަށްލުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަންކަން ކަމަށާއި، އެކަންކަމަށް ޖަވާބެއް ލިބުމަކީ ހައްގެއް ކަމަށާއި އެކަންކަން ނުބެލި ޝަރީއަތް ނުކުރެވި ދިގުލައިގެން ދާތީ ސަރުކާރުގެ ސަމާލު ކަމަށް ގެންނަން މައްސަލާގައި ބުނެފައިވެއެވެ.
މިއަދު މި މައްސަލައިގެ ބަހުސް ކުރިޔަށް ގެންދިިޔުމަށް ފަހު ބަލައިގަތުމާ ބެހޭ ގޮތުން ގޮތެއް ނިންމާނެ އެވެ.




