ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ނިންމި ފުރަތަމަ ފަހަރެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި މަމެއްބަރުންގެ ތެރެއިން 70 މެމްބަރުން ވޯޓު ދީފައި ވަނީ އިބްރާހިމް ރަޝީދު ވަކިކުރާށެވެ.
މެޖިސްޓްރޭޓްކަމުން މަކިކުރަން މަޖިލީހުން ފާސްކުރިއިރު، އެ މައްސަލަ ބެލުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓް ބުނާގޮތުގައި، އޭނާ ވަނީ އާންމު ތަނެއްގައި ތިނަދޫގެ އަންހެނަކާ ދިމާލަށް ހަޑި ހުތުރު ބަހުން ހަޅޭއްލަވައި އަޑުގަދަކޮށް އެ އަންހެން މީހާ އަކީ ނަހަލާލަށް ބަލިވެ އިނދެ ދަރިވައްޓާފައި ހުރި މީހެއް ކަމަށް ބުނެފައެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ދުރުކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ. އެ ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން، އެ ނިިންމުން ނިންމާފައިވަނީ އެ ކޮމިޝަނުގެ އިއްތިފާޤުންނެވެ.
އޭނާ މަގާމުން ވަކިކުރަން ނިންމީ ބަދުއަހުލާގީ މައްސަލައެއްގައި ކަމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



