19 ދިވެހިންގެ ލޭ އޮހޮރުވާލި އުދުވާނީ ހަމަލާގެ މޭސްތިރި، ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ރާއްޖެ ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރައްވާ މަސައްކަތެއް އޮތްނަމަ އެކަން ހާމަކުރެއްވުމަށް އެމްޑީޕީގެ ޗެއަރޕަރސަން، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.
ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމުގައި ފުލުހުން ކުރާ މަސައްކަތެއް އޮތްކަމަށްވާނަމަ އެކަން ސާފުކޮށް ފުލުހުން ކިޔައިދޭން ޖެހޭ ކަމަށެވެ.
"ޢަބްދުﷲ ލުޠުފީ ރާއްޖެ ގެނައުމަށް ކުރާ މަސައްކަތެއް އޮތިއްޔާ ފުލުހުން އެކަމެއް ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭންޖެހޭ. ކަންކަން ވަންހަނާ ކުރުމަކީ އޯގާތެރި ސަރުކާރުގެ ސިފައެއް ނޫން." ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ޓްގްކުރައްވާ ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Abdulla Luthfee Raajje genaumah kuraa masakkatheh othiyya @PoliceMv ekameh saafukoh Rayyithunnah kiyaidheyn jehey. Kankan vanhanaa kurumakee Oagaatheri Sarukaruge sifa eh noon! @M_Hameedh
— Hassan Latheef? (@HassanLatheef) June 30, 2019
އަވަށްޓެެރި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުޠުފީ ހުންނަތާ ދެމަސްވެފައިވާއިރު، ފުލުހުން ވިދާޅުވެފައިވަނީ 48 ގަޑިއިރު ތެރޭގައި އޭނާ ރާއްޖެ ގެންނާނެ ކަމަށެވެ. ނަމަވެސް ޕޮލިސް ކޮމިޝަނަރ އޭރު ވިދާޅުވި 48 ގަޑިއިރު ހަމަވެފައިވާއިރު ލުޠުފީ ރާއްޖެ ގެނެވިފައެއް ނުވެއެވެ.
ލުޠުފީ ރާއްޖެ ގެނެވިފައި ނުވަނީ ބައެއް ލިޔެކިޔުންތައް ހަމަވެފައި ނުވާތީކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.



