19 ދިވެހިންގެ ލޭ އޮހޮރުވާލި އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ، ލަސްތަކެއްނުވެ ރާއްޖެ ގެނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ލުޠުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެފައިވަނީ ލަންކާގައި ބޮމުގެ ހަމަލާތައް ދިނުމުގެ އެއްދުވަސް ކުރިން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ހާޖަރާގޭ ޢަބްދުﷲ ލުޠުފީ މާލެ ގެެނެވޭނެ. ރާއްޖެ ގެނެވޭނެ. ދެން އެހެން ނަމަވެސް ތިބޭފުޅުން ހަނދުމަފުޅު ބަހައްޓަވާތި، މީހަކު ރާއްޖޭން ބޭރަށް ގޮސް ފިލީމާ އެމީހަކު ގެނައުން އެއީ ދިވެހި ދައުލަތަށް ވަރަށް މަދުފަހަރެއްގައި ނޫނީ ނުކުރެވޭނެކަމެއް.
އެނގިވަޑައިގަންނަވާނެ ރާއްޖެ ގެނައުމަށް ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އިންތިހާއަށް މަސައްކަތް ކުރެއްވި، އެކަމެއް ކާމިޔާބެއް ނުކުރެއްވި، އެނގިވަޑައިގަންނަވާނެ އަޅުގަނޑު ގެނައުމަށް މީގެ ކުރީގައި އޮތް ސަރުކާރުން އިންތިހާއަށް މަސައްކަތް ކުރެއްވި. އެކަމެއްވެސް ކާމިޔާބެއް ނުވި.
އަޅުގަނޑުމެނަށް އެބަ ސާފުވޭ އަޅުގަނޑުމެން އެންމެނަށްވެސް އެބަ އެނގެންޖެހޭ ސްރީލަންކާއަކީ ޔޫއެންގެ އެތައް އެތައް ޗާޓަރެއްގައި ސޮއިކޮށްފައިވާ ޤައުމެއް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުގައި ޢަބްދުﷲ ލުޠުފީ އަމިއްލަފުޅަށް ވަޑައިގެން ސަރެންޑަރ ކުރެއްވީ (އަމާން ދެއްވީ) ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް. އެއީ ކޮންމެ ދިވެއްސަކަށްވެސް ކުރެވޭނެ ކަމެއް. އޭގެ އަނެއް ދުވަހު ސޮލޯނުގައި 9 ތަނުގައި ބޮން ގޮއްވީ. ދެން ސްރީލަންކާގެ ސްރުކާރު އެވަގުތު އޮތީ ފަސޭހައިން އެހެން ޤައުމަކާ މުޢާމަލާތު ކުރެވޭނެ (ޚާލަތެއްގައެއް ނޫން.) ޖެހިގެން އައި 10 ދުވަހު އަޅުގަނޑުމެންނަށް އެޤައުމު ސަރުކާރާ އެކު މުއާމަލާތުކުރަން އުނދަގޫވި." ނަޝީދު ވިދާޅުވިއެވެ.
ދެން އެހެންނަމަވެސް ދިވެހި ސަރުކާރާއި ސިލޯނު ސަރުކާރާ ގުޅުން އިންތިހާއަށް ރަނގަޅު، އެހެންވީމާ ދިވެހި ސަރުކާރުން ސިލޯނު ސަރުކާރާ ވާހަކަދައްކައިގެން އަދި އދ އާވެސް ވާހަކަދައްކައިގެން އިރާދަކުރެއްވިޔާ ވީހާވެސް އަވަހަކަށް ގެނެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ލުޠުފީ ރާއްޖެ ގަނައުމަށް މި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.



