19 ދިވެހިން ޝަހީދުކޮށްލި 3 ނޮވެންބަރު 1988 ގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަށް މަޢާފު ދޭންޖެހޭކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިބްރާހީމް ޝަރީފް މިހެން ވިދާޅުވީ، ލުޠުފީ ރާއްޖެ ގެނައުން ލަސްވެފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުންނެވެ.
އިބްރާހީމް ޝަރީފް ވިދާޅުވީ، ޢަބްދުﷲ ލުޠުފީއަށް އަނިޔާކޮށްފައިވާ ކަމަށާއި، އޭނާއަށް ކުރި ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއްވެސް ނޫން ކަމަށެވެ.
"ޢަބްދުﷲ ލުޠުފީމެން ތަހައްމަލުކުރި އަނިޔާ އެވާހަކަ ދެއްކުމެއް ނެތް، އިންސާނިއްޔަތުކަމެއް ނެތް، އެހެންވީމަ ޢަބްދުﷲ ލުޠުފީއާ ދޭތެރޭގައި އޭރު ހިނގި ޝަރީއަތަކީ އަޅުގަނޑަށް ހަމަ ކަނޑައެޅިގެން ދަންނަވަން ކެރޭ އިންސާފުވެރި ޝަރީއަތެއް ނޫންކަން. ލުޠުފީގެ އަނގަޔަށް ބޫޓް ކޮށްޕާތަން އަޅުގަނޑު ދުށިން، އޭނާގެ ދެލޮލަށް އިނގިލި ކޮށްޕާތަން ދުށިން. އަދި ދެންތިބި މީހުންނަށް ހެދިގޮތާއި، އިދިފުށަށް ބިޑިއަޅުވާފައި ތަޅަމުން ތަޅަމުން ދިޔަ މަންޒަރުވެސް އަޅުގަނޑު ދުށިން.
ޢަބްދުﷲ ލުޠުފީއަކީ މިހާރު އުމުރުން 70 އަހަރު ވެފައި ނުވަތަ ވާން ކައިރިވެފައިހުރި މީހެއް. މުސްކުޅިއެއް. ބަލިމީހެއް، އޭނާ ޖަލުގައި ވަރަށް ގިނަ ދުވަސް ހޭދަކޮށްފި. އަޅުގަނޑަކަށް ނުކެރޭ އެއްގޮތަކަށްވެސް ނުފެނޭ މި ސަރުކާރުން ބޮޑު ޚަރަދުކޮށްގެން އޭނާ މިތަނަށް ގެންނާކަށް. އޭނައަށް މަޢާފް ދޭންވީ، އޭނާއަށް އެއް ކުށެއްގައި ބައިވެރިވި މީހަކަށް މަޢާފް ދީގެން ނުވަތަ އޭނާގެ މުއްދަތު ހަމަވެގެން މިހާރު އެވަނީ މިނިވަންވެފައި.
"މިތާނގަ ތަކުރާރުކޮށް އެބުނަނީ 19 ދިވެހިން ޝަހީދުކޮށްލި ވާހަކަ. އެއީ ތެދެއް، އެކަމަކު ޢަބްދުﷲ ލުޠުފީ އެއިން އެވެސް މީހެއްގެ ގަޔަށް އޭނާގެ އަތުން ބަޑިޖެހިކަމުގެ މަޢުލޫމާތެއް ނެތް ފެންނާކަށް. ޔަޤީން އޭނާ ބަޑި ގެންގުޅުނުތަކެއް ނުވެސް ފެނޭ. އެހެންނަމަވެސް ޕްލޮޓް ޖަމާއަތާ ބައިވެރިވެގެން ރާއްޖެ އައިކަމީ ހަޤީޤަތެއް. އެހެންނަވެސް އޭނާއަކީ މީހުން މެރި މީހެއްތޯ؟ ނޫން." އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.
އިބްރާހީމް ޝަރީފް ވިދާޅުވީ، އިންސާނިއްޔަތަށްޓަކައި މުސްކުޅި، ކެންސަރުގެ ބަލިކަމުގައި ހުރި ލުޠުފީއަށް މަޢާފް ދޭންޖެހޭ ކަމަށެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑު ދިވެހި ސަރުކާރަށް މި ގޮވާލަނީ، ޢަބްދުﷲ ލުޠުފީ ޖަލުގައި ހޭދަކުރި މުއްދަތާއި، ބާކީ އޮތް މުއްދަތާއި، އޭނާއަށް ހުކުމް ކުރެވުނު ގޮތާއި އެހުރިހާ ކަމެއްގެ މައްޗަށް ރިއާޔަތްކޮށް އޭނާއަށް މަޢާފް ދިނުމަކީ އެންމެ ރަނގަޅު އެންމެ މާތް ގޮތް." އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.





2 Responses
ދެން ކުރަން އެ އުޅޭ ކަންތަށް ސާފުވެއްޖެ. މާލެ ގެނެސްސަ މިނިވަންކުރަން. ޝުކުރިއްޔާ.
މީނަ މި މޭރުމުން މިވާހަކަ ދައްކަނީ ކާކު ބުނެގެންތޯ ވެސް ބަލާާލަން ޖެހޭ، އުމުރުން 90 އަހަރުގެ މީހަކު ޖަލުގަ ނިޔާވި ވާހަކަ އަޑުއެހިން، މުސްކުޅިޔޭ ކިޔާފަ ޖަލަ ނުލާންވީ ސަބަބެއްއް ނެތް