ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފެށުން ފޮޓޯ: ވިސާމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަށް އިތުރުކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކޯޓުތަކާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ޢަލީ އާޒިމް ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ 19 ގެ އެންމެ މުހިއްމު އެއް އަސާސަކީ ރައްޔިތުންނަށް އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުން ކަމަށާއި، އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންކަން އެމްޑީޕީން ކުރާނެ ކަމަށެވެ.

މީގެތެރެއިން ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނާތީ އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އެންގި ނަމަވެސް ޖޭއެސްސީން ވަނީ އިތުރު ބައްދަލުވުމެއް ބާއްވައި ދީދީގެ ސަސްޕެންޝަން ދެމެހެއްޓުމަށް ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ