ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް އެމީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމުގެ ބިލެއް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ބިލް ހުށަހެޅުއްވި ސަބަބުގެ ގޮތުގައި ނާޒިމް ފާހަގަކުރައްވާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ވާތީކަމަށެވެ.
މިބިލްގައި ބުނެފައިވަނީ، އިނާޔަތް ދޭނީ މީހެއްގެ ހުރި ނުކުޅެދުންތެރި ކަމަކާއި އެކަމެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް އަސަރު ކުރާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށާއި، އެކަން ކަނޑައެޅުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކު ދަފްތަރުގައި ހިމަނާފައި އޮންނަ އިރު ކޮންމެ މަހަކު 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ވާނެ ކަމަށާއި އަދި އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ވެސް ނާޒިމް ހުށަހެޅުއްވި ބިލްގައި ވެއެވެ.
މިބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.




ހިޔާލު
ކޮބާހޭ ސިވިލްސާވަންޓުންގެ މުސާރަ. ހަންކެޑޭންދެން މަސައްކަތްކުރާ މީހުންނަށް މިލިބެނީ ކޮންއެއްޗެއް.