ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ އެކިއެކި މައްސަލަތާއި މަޖިލީހުގެ އެކިއެކި ބައްދަލުވުން ތަކުގައި ވާށހަކަފުޅު ދައްކަވާއިރު އެކިއެކި ފަރާތްތަކުގެ ނަމާއި ޒާތީ މަޢުލޫމާތު ހާމަނުކުރެއްވުމަށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ކިބައިން އެދިވަވަޑައިގެންފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން މެންބަރުންނަށް މިކަން އެންގުމަށް އާންމުކޮށްފައިވާ ދެންނެވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ ބިލްތަކާއި އެކިއެކި މައްސަލަތަކުގައި މަޖިލީހުގެ ޖަލްސާގައި އަދި ކޮމެޓީގެ ބައްދަލުވުން ތަކުގައި ތިޔަ އިއްޒަތްތެރި މެންބަރުން ވާހަކަ ފުޅުދައްކަވާއިރު، އެފަރާތްތަކުގެ ނަމާއި ޒާތީ މަޢުލޫމާތު ހާމަ ނުކުރެއްވުމަށް ތިޔަ އިއްޒަތްތެރި މެންބަރުން ސަމާލުވެ ވަޑައިގެންނެވުމަށް ދައްނަވާކަމަށެވެ.
މިކަން މިގޮތަށް ކުރުމަށް ނިންމާފައިވަނީ މައްސަލަތަކުގައި އަނިޔާލިބިފައިވާ ފަރާތްތައް ނުވަތަ ވިކްޓިމްއާއި ނުވަތަ މައްސަލަތަކުގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ ކަރާމާތާއި އަބުރު ރައްކާތެރި ކުރުމަށްޓަކައެވެ.
އެފަރާތްތަކަށް ނުރައްކަލެއްކަމަށް ވެދާނެ މީހުންގެ ކިބައިން އެފަރާތްތައް ރައްކާތެރިކޮށް ދިނުމަށާއި އަދި އެ ގޮތުގައި އެރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކަމުގައިވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.




