ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އެކި ސަރައްދުތަކުގެ ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ދެކުުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ރާޅުގެ އުސްމިން އުޅޭނީ ފޫޓަކާއި 3 ފޫޓާއި ދެމެދުގައި ކަމަށެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އުތުރުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މެންދުރުފަހު 01:48 ގައެވެ. އަދި މެދުރާއްޖެތެރޭގެ ސަރަހައްދަށް މެންދުރުފަހު 02:31 ގައި އެންމެ ދިޔަވަރު ބޮޑުވާއިރު، ދެކުނުގެ ރަށްތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ ހަވީރު 03:09 ގައެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.



